ޚަބަރު

ސަޢުދީން ކޯޓާ އިތުރުކުރުމުގެ ފުރުސަތު ދޭނަމަ ރާއްޖެއަށްވެސް ދޭނެ: ވަޒީރު ޑރ. ޝަހީމް


  • ކޯޓާ އިތުރުނުކުރަނީ ޙަރަމް ކައިރީ ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅިގެންކަމަށް ވިދާޅުވި

ސަޢުދީ ޢަރަބިއްޔާއިން އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދެއްވާނަމަ، ރާއްޖެއަށް ފުރުސަތު ދެއްވާނެކަމަށް ޔަގީންކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޙައްޖު ޢުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޙައްޖު ޢުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ރާއްޖޭގައި ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ޢުމްރާގެ ޚިދުމަތް ދޭއިރު، އިދާރީ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްނުގެންދިޔުމުގެ ސަބަބުން އޭގެ ތަކުލީފު ޢުމްރާވެރިން އުފުލަންޖެހޭކަމަށެވެ. މިހެންވުމުން ފަހުވަގުތު އެމައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަންޖެހޭކަމަށާއި، އެކަމަށް ބޮޑު ޚަރަދެއް ޙައްޖު ކޯޕަރޭޝަނުން ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޙައްޖުގެ ވާހަކަދައްކާއިރު ގިނަބައެއްގެ ސަމާލުކަން ހުއްޓެނީ ރާއްޖެއަށް ލިބޭ ކޯޓާއާއި ހިސާބުންކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޙަރަމްފުޅުކައިރީ ޢުމްރާނީ މަސައްކަތްތައް ކުރަމުން އަންނާތީ ޤައުމުތަކަށް ކޯޓާ އިތުރުކުރުމަށް ސަޢުދީން އަދި ނިންމާފައި ނުވާކަމަށެވެ.

"އެމަސައްކަތްތައް ނިމިގެން އެއްވެސް ޤައުމަކަށް ސަޢުދީން ކޯޓާ އިތުރުކޮށްދޭނަމަ އިރާދަކުރެއްވިއްޔާ ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެ." ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ އެންމެ ފުރިހަމަ ޚިދުމަތެއް ދެމުންދާ ކުންފުނިތަކުގެ އަގުވަޒަން ކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، އަލް މަނާސިކް، މީޤާތު ޙައްޖު އެންޑް ޢުމްރާ، ޤުބާ ޙައްޖު، އަލް ބުރޫޖް އިން ޙައްޖާއި ޢުމްރާގެ ކަންކަން ވުޒާރާގެ އުސޫލުތަކާއި އެއްގޮތަށް ކުރަމުންގެންދާތީ އެކުންފުނިތަކަށްވަނީ ހަނދާނީ ފިލާއަރުވާފައެވެ. މިރަސްމިއްޔާތުގައި ޙައްޖު އަދި ޢުމްރާގެ ކަންކަން ފަހިކޮށްދެއްވުމަށް ޝައިޚް ފަރީދު ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރައްވައިވަނީ ހަނދާނުގައިވަނީ ފިލައެއް އަރުއްވާފައެވެ.

ޙައްޖުގެ ކަންކަން އިތުރަށް ފަހިކުރުމަށާއި އެދާއިރާއިން މީހުން ބިނާކުރުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން އަލް ޞަފްވާ ފައުންޑޭޝަނާއެކުވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޙައްޖު ޢުމްރާ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޞަފްވާ ފައުންޑޭޝަންގެ ޗެއަރމަންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސާއެކު ކުރިއަށް އޮތްތަނުގައި ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތައް އިތުރަށް ފަސޭހަ ވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.