ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީ އެޅުމަށް ހުއްދަ ލިބިފައިވާކަމަށާއި މި ފެށޭ ޖަނަވަރީ މަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިން މާލެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިވުމަށް ބޭނުންވާކަމަށެވެ. މިދިޔަ އަހަރު ރައީސް މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަންނެލި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގުތައް އެސްޓީއޯގެ ސްކިޑްތަކުން ހަމަޖައްސަވާފައިކަމަށާއި، އެ ލުޔާއެކު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީއެއް އެޅުމަށް ރައީސްގެ ވައުދުފުޅުގައި ހިމެނޭކަމަށް ވިދާޅުވިއެވެ. އެކަން ފުއްދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތައް ހުޅުމާލެއިން ވަނީ 25،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައެވެ.
"އަޅުގަނޑުމެންނަށް އޮތް ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މި ފެށޭ ޖަނަވަރީ މަހު އެތަނުގެ މަސައްކަތް ފަށައި އަޅުގަނޑުމެން ހުރިހައި ކަމެއް ޕްލޭންކޮށްފައި މިވަނީ. 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އެއްކަލަ ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުފުޅު އޭގެތެރެއިން ފުއްދުމަށްޓަކައި. މިއީ ކުޑަކަމެއް ނޫން. 25،000 އަކަފޫޓްގެ ބިމެއްގައި ފެސިލިޓީއެއް އަޅާފައި ހައްލު ރައީސް ހޯދަވައިދެއްވީމަ އަޅުގަނޑަށް ހަމަ ޔަޤީން ކަންނެލި މަސްވެރިންނަށް ރައީސް ވެވަޑައިގެންފައި ހުރި ވައުދުތައް އެއިރުން ފުއްދިގެން އެދިޔައީ." ވަޒީރު ވިދާޅުވިއެވެ.
ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ މިފްކޯގެ ފެސިލިޓީ ތަރައްޤީކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީ އާއި ދިވެހި ސަރުކާރު ގުޅިގެންނެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީން ވަނީ ލޯނު އެހީއެއް ހަމަޖައްސާފައެވެ. މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް ތަރައްޤީކުރާ މި ފެސިލިޓީއަކީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ހުންނާނެ ފެސިލިޓީއެކެވެ.