ޚަބަރު

ބާޒާރުމަތީ މަގުތަކުގެ މަސައްކަތް ފަށައިފި، ބޮޑެތި ބަދަލުތަކެއް ގެންނާނެ!


  • ލޯކަލް މާރުކޭޓުން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރާނެ

  • 250 މީޓަރުގެ ސަރަޙައްދު ތަރައްޤީކުރޭ

  • 4 ލޭނު ހިމެނޭނެ

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މަސްމާރުކޭޓު، ލޯކަލް މާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް ހުންނަ ސަރަޙައްދުގެ އިތުރުން އެއީ އަތޮޅުތަކަށް މުދާ ގެންދާ ބޯޓުފަހަރުވެސް ކައިރިކޮށް މުދާ ބާލާ އަރުވާ ހަދާ މައި ސަރަޙައްދެވެ. މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްކެވެ.

މާލޭގެ ބަނދަރުމަތީ ސަރަޙައްދަކީ މާލޭގެ އެންމެ ކާރުބާރޫ ބޮޑު، ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ސަރަޙައްދު ބޭނުންކުރެއެވެ.

އެމްޓީސީސީއާ ހަވާލުކޮށް، މާލޭގެ ލޯކަލް މާރުކާރު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެއެވެ.

މިކަމުގެ ޢަމަލީ މަސައްކަތް މިހާރު މިވަނި ފަށާފައެވެ. އެގޮތުން މަގުތައް ކޮނެ، އެންމެ ފުރަތަމަ ފަށާފައި މިވަނީ ޔުޓިލިޓީ ވިއުގަތަކާ ގުޅޭ މަސައްކަތެކެވެ. މި މަސައްކަތުގައި އެމްޓީސީސީ، އެމްޑަބްލިއެސްސީ އަދި ސްޓެލްކޯގެ މަސައްކަތްތައް ހިމެނެއެވެ. ތާރުއަޅާ މަގު ތަރައްޤީކުރުމުގެ އިތުރުން، ބަނދަރުގެ އެއްގަމު ތޮށި އަދި ޕޭމަންޓްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.

ހެންވޭރުގެ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މާރުކޭޓު ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެކަމަށެވެ. މަގު ތަރައްޤީކުރާނީ ދެކޮޅަށް ދުއްވޭ ސަރަޙައްދެއްގެ ގޮތުގައެވެ.

މިހާރު ބާޒާރުމަތީގެ ބޮޑު ސަރަޙައްދަކީ އެއްކޮޅަށް ދުއްވޭ ސަރަޙައްދެވެ.

"ބޭރުގެ އެހީގެ ޕްރޮޖެކްޓްތަކުގައި ނުހިމެނޭ މަގުތައް ސަރުކާރުން އެވަނީ ފަށާފައި. މާލޭގެ ބާޒާރު ސަރަޙައްދު ވަރަށް ތޮއްޖެގޭ. އެ ސަރަޙައްދުގެ މަގުތައް ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަގޮތަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގާ. މިބަލަނީ ރޯގައިގެ ކުރިން ބަޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަޙައްދު ނިންމާލަން. އެއީ އެމްޕީއެލް ސަރަޙައްދުން ފަށައިގެން އިއްޒުއްދީނު ފާލަމާ ހަމައަށް." ރައީސް ވިދާޅުވިއެވެ.

މަގުހެދުމުގެ މަސައްކަތުގެދަށުން ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެ މަސައްކަތުގައި 140 މީޓަރުގެ ސަރަޙައްދު ވަނީ ތަރައްޤީކޮށް ނިންމާފައެވެ.

މަގުގައި ދުއްވާ ލޭނުތައް ފުޅާކޮށްފަވާއިރު، މަގުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާފައިވެއެވެ. މިއާއެކު އެ ސަރަޙައްދު ބޭނުންކުރުމުގައި މިހާރު ވަނީ ވަރަށް ބޮޑު ލުއިތަކެއް ލިބިގެންގޮސްފައެވެ. ރަށްރަށަށް ފުރާ ފެރީތަކުން ބޭނުންކުރާ އެ ސަރަޙައްދަކީ އަބުވެސް ވަރަށް ތޮއްޖެހުން ބޮޑު ހިސާބެކެވެ. ނަމަވެސް މަގު ފުޅާކޮށް، ޕޭމަންޓް ބޮޑުކުރުމުގެ ސަބަބުން، އުޅަނދުފަރަށް އަރާ ފޭބުމުގައިވެސް ވަނީ ބޮޑެތި ލުއިތަކެއް ލިބިގެންގޮސްފައެވެ.

މުޅި މި މަޝްރޫޢުގައި ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައިން ފެށިގެން ނޯޓް ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.

މަގުތައް ތަރައްޤީކުރުމަށް މަގުތައް ބަންދުކޮށް، ކުރިއަށްގެންދާ މަސައްކަތްތަކުގައި ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތަކާއި، އެ ސަރަޙައްދުތައް ބޭނުންކުރުމުގައި ސަމާލުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އިރުޝާދުދެއެވެ.