ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. މި ބަދަލު އައިސްފައިވަނީ މުސާރަ ހަމަހަމަކުރުމާއި، އާންމު އިންވެސްޓްމަންޓްތަކާއި، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމަށް ކުރެއްވި މަސައްކަތުންކަމަށް މި ރިޕޯޓުން ދައްކައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 35.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގައި، ޖުމްލަ ޚަރަދު 12.5 އިންސައްތަ ވަނީ ކުޑަވެފައެވެ. 2024 ވަނަ އަހަރު ޚަރަދު ހުރީ 42.8 ބިލިޔަން ރުފިޔާގައެވެ. ނަމަވެސް މިއަހަރު މި އަދަދު ހުރީ 37.4 ބިލިޔަން ރުފިޔާއަށް ދަށްވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޑެފިސިޓް 2024 ވަނަ އަހަރުގެ 10.4 ބިލިޔަން ރުފިޔާއިން 2025 ވަނަ އަހަރު 1.7 ބިލިޔަން ރުފިޔާއަށް ކުޑަވެފައިވެއެވެ. މިއީ 84.1 އިންސައްތައިގެ ކުޑަވުމެކެވެ.
ޓެކްސް އާމްދަނީ 9.3 އިންސައްތަ އިތުރުވެ، 26.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައިވުމެވެ. ޖުމްލަ ޖީ.އެސް.ޓީގެ އާމްދަނީ 11.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 13.2 ބިލިޔަން ރުފިޔާއިން 14.8 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ.
މީގެ ތެރެއިން، ޓޫރިޒަމް ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) 13.9 އިންސައްތަ އިތުރުވެ، 8.6 ބިލިޔަން ރުފިޔާއިން 9.8 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ޖުމްލަ ޖީ.އެސް.ޓީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީއެވެ.
މިއީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޓީ.ޖީ،އެސް،ޓީގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް މަތިކުރުމުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތައް ފުޅާވެފައިވާތީ ލިބިފައިވާ ކުރިއެރުމެކެވެ. ޖެނެރަލް ޖީ.އެސް.ޓީ 8.2 އިންސައްތަ އިތުރުވެ، 4.6 ބިލިއަން ރުފިޔާއިން 5.0 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.
ޓެކްސް ނޫން އާމްދަނީ 19.7 އިންސައްތަ އިތުރުވެ، މިދިޔަ އަހަރު ހުރި 7.3 ބިލިޔަން ރުފިޔާއިން 8.7 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަރުމުދަލުގެ އާމްދަނީ އިތުރުވެފައިވުމެވެ.
މި ހަރަދުތަކުގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖަމާކުރެވުނު ފައިސާ ވެސް ވަނީ އިތުރުވެފައެވެ. އެސް.ޑީ.އެފް އަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ހުރި 1.3 ބިލިޔަން ރުފިޔާއަށް ވުރެ 87.9 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ކުރިއަށްދާ އިންވެސްޓްމަންޓްތަކާއި އިޞްލާޙީ މަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ މާލީ ރިޒާވްތައް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން ދައްކުވައިދޭ ކަމެއްކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.