ޚަބަރު

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭގޮތަށް މަސްކިރުވާ ބަނދަރެއް


  • މަސައްކަތް ހަވާލުކުރީ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑާ

  • ޒަމާނީ ބަނދަރެއްވެސް ތަރައްޤީކުރާނެ

ރ.ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއަކާއެކު މަސްކިރުވާ ބަނދަރެއް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމްއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަސަން އިބްރާޙިމްއެވެ.

ރ.ދުވާފަރަކީ ސުނާމީގެ ކުރިން، ދުވާފަރުގެ ރައްޔިތުން ދިރިއުޅެމުންދިޔަ، އަދި މަސްވެރި ރަށެކެވެ. ނަމަވެސް ސުނާމީއަށްފަހު އެރަށުގައި މީހުން އާބާދުވެފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން، މަސްދޯނިތަކާއި އުޅަނދުތައް ކައިރިކުރުމަށް އެކަށިގެންވާ ޒަމާނީ ބަނދަރެއްވެސް ތަރައްޤީކުރާނެއެއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އައިސް ލިބޭގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންތައް ތަރައްޤީކުރުމާއި އަދި މަސް ޕްރޮސެސް ކުރެވޭ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލަގެން ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.