ޚަބަރު

އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ޖޫން މަހު ބޭނުންކުރަން ފަށަނީ


  • ފެލިވަރުގައި ތަރައްޤީކުރަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް

  • މިހާރު ކުރަމުންދަނީ މެޝިނަރީޒް އިންސްޓޯލްކުރުމުގެ މަސައްކަތް

ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޖޫން މަހު ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ. ފެލިވަރުގައި ތަރައްޤީކުރަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މިފްކޯގެ އެކި ފެސިލިޓީތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން މިފްކޯގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ތަރައްޤީކުރަމުންދަނީ ފެލިވަރުގައެވެ. މިމަސައްކަތް އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ ފެލިވަރުގައި ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ބްރައިން ފްރީޒިންގ އަދި 80 ޓަނުގެ އާރް.އެސް.ޑަބްލިއު ސިސްޓަމްގެ މަސައްކަތުގެ 69 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ފެސިލިޓީގައި ޤާއިމުކުރަންޖެހޭ މެޝިނަރީޒް އިންސްޓޯލްކުރުމުގެ މަސައްކަތްތައްކަމަށް މިފްކޯއިން ވިދާޅުވެއެވެ. މީގެއިތުރުން އެ ފެސިލިޓީއަށް ބޭނުންވާ އިންޖީނުގޭގެ މަސައްކަތާއި ލޮނުފެން ގުޅުމުގެ މަސައްކަތްތައްކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިހުރިހާ މަސައްކަތްތަކެއް ނިންމާ އަންނަ ޖޫން މަހު މުޅި ފެސިލިޓީ އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖާއެކު މަސްވެރިކަން ތިޔާގި ދުވަސްވަރު ބާނާ މަސް ރައްކާކޮށް ބޭރަށް ފޮނުވުމުގެ ކެޕޭސިޓީ ބޮޑުތަކުން އިތުރުވެގެންދާނެއެވެ. އެއާއެކު މަހަށް ހެޔޮ އަގެއް ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ. ހަމައެއާއެކު އަގުއެއްކޮށްގެން މަހުގެ ބާވަތްތައް އެކްސްޕޯޓޫކުރުމަށް މަސް ޕްރޮސެސްކުރާ ކާރުޚާނާތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ފެލިވަރު ތަރައްޤީކުރުމަށް ސަރުކާރުންވަނީ ފެލިވަރުގެ ފަޅުން 5.7 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި އެސަރަޙައްދުގައި 3 ޖެޓީވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން އާންމު ބޭނުންތަކަށްޓަކައި ތަރައްޤީކޮށްފައިވާ ޖެޓީއަކާއި މަސްކިރާ ޖެޓީއެއްގެ އިތުރުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމަށް ޚާއްސަ ޖެޓީއެއްވެސްވަނީ ތަރައްޤީކޮށްފައެވެ. އެމްޓީސީސީއާއި ހަވާލުކުރި ޖެޓީތަކުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ. ފެލިވަރަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްކުރަމުންދާ ފެސިލިޓީއެވެ. މިފެސިލިޓީ ތަރައްޤީވެގެންދިޔުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބޮޑުތަކުން ކުރިއަރާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.