ޚަބަރު

ގްރީން ޓެކުހުގެ ގޮތުގައި 2 ބިލިޔަނަށްވުރެ ބޮޑު އާމްދަނީއެއް


  • މިއީ %109.3 އިތުރުވުމެއް

  • ގްރީން ޓެކްސް އިތުރުވީ ފަތުރުވެރިންގެ އަދަދު އިތުރުވުމުން

އަހަރުގެ ފުރަތަމަ 11 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 2 ބިލިޔަނަށްވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރ މަހާއި ހަމައަށް 2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 971 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %109.3 އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ މި މުއްދަތުގައި ލިބުނު އާމްދަނީގެ %6.9 ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާތީއެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،114،710 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއައި ފަތުރުވެރިން ޗުއްޓީ ހޭދަކުރިގޮތް:

• ރިސޯޓް: 1،556،102 ފަތުރުވެރިން
• ގެސްޓްހައުސް: 457،508 ފަތުރުވެރިން
• ސަފާރީ: 44،579 ފަތުރުވެރިން
• ހޮޓެލް: 54،661 ފަތުރުވެރިން
• އެހެނިހެން ތަންތަނުގައި: 1،861 ފަތުރުވެރިން

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.