ކުޅިވަރު

ޔުނައިޓެޑަށް ފަހު ދާން ބޭނުމީ ސްޕޭން ނުވަތަ އިޓަލީ އަށް: ބުރޫނޯ ފެނާންޑޭޒް


މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް އެ ކުލަބަށް ފަހު ދެން ކުޅެން ބޭނުންވަނީ ސްޕޭން ނުވަތަ އިޓަލީގެ ކުލަބެއްގައި ކަމަށް އޭނާ ބުނެފި އެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު މިހެން ބުނީ އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް 2027 ވަނަ އަހަރު ނިމޭތީވެ މި ސީޒަނަށް ފަހު ޔުނައިޓެޑުން އޭނާ ވިއްކާލާނެ ކަމަށް ބެލެވޭތީ އެވެ. ހުސްވި ސީޒަން ފެށުމުގެ ކުރިން އޭނާ ސައޫދީގެ ކުލަބު އަލް ހިލާހަށް ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރި ކަމަށް ވެސް ފެނާންޑޭޒް ބުންޏެވެ. އަދި އެކަން ނުކުރެވުނީ އޭނާ އެކަމަށް ދެކޮޅު ހެދުމުންނެވެ. މިހާރު ވެސް އެނާ އަކީ ސައޫދީ ލީގުން ޝައުގުވެރިވާ ކުޅުންތެރިއެކެވެ.

"އަހަރެން އަބަދުވެސް މި ބުނަނީ ކުލަބުން އަހަރެން ބޭނުންވާނަމަ ކުލަބުގައި ހުންނާނެ ކަމަށް. އެކަމަކު މިހާރު އަހަރެންނަށް ހީވަނީ ކުލަބުން 100 ޕަސެންޓް އަހަރެން ބޭނުންނުވާހެން. މިހެންވެ އަހަރެން މިކަމާ ބެހޭ ގޮތުން ކުލަބާ މަޝްވަރާ ކުރާނަން. " ފެނާންޑޭޒް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑުން އޭނާ ބޭނުންނުވާނަމަ އިޓަލީ އަދި ސްޕޭނުގައި ކުޅެން ބޭނުންވަނީ މީގެ ކުރިން ވެސް އޭނާ އިޓަލީގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައިވާތީ ކަމަށެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްނަމަށް 2017 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ފެނާންޑޭޒް ވަނީ އިޓަލީގެ ނޮވާރާ އާއި އުދިނޭޒީ އާއި ސެމްޕްޑޯރިއާއަށް ކުޅެފަ އެވެ.

"އަހަރެންނާއި އިޓަލީއާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް. އަހަރެންގެ އަންހެން ދަރިފުޅު ވިހެއީ އިޓަލީގައި. އޭނާ ބޭނުންވޭ އިޓަލީ ބަސް ކުރަން ވެސް. އަހަރެންނަށް އިޓަލީގައި ކުޅެން ފުރުސަތު ލިބިއްޖެނަމަ އެއީ އޭނާ އަށް ދެވޭނެ ވަރަށް ރަނގަޅު ހަދިޔާއަކަށް ވެސް ވާނެ،" ފެނާންޑޭޒް ބުންޏެވެ.