ޚަބަރު

ސުނާމީ ބިނާ މައިޒާން، ހިތްހަމަޖެހުން ލިބޭ މާޙައުލަކަށް


  • އެ ސަރަޙައްދުގެ 75 މީޓަރުގެ ޝީޓް ޕައިލް އައު ކޮށްފައިވޭ

  • ސުނާމީ ބިނާ މޮނިއުމަންޓް ވަނީ އެހެން ސަރަޙައްދަކަށް ބަދަލުކޮށްފައި

ސުނާމީ ކާރިސާގެ ހަނދާނުގައި ބިނާކޮށްފައިވާ ސުނާމީ ބިނާ މައިޒާނަކީ، އާއިލާތަކާއި ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ގޮތަށް ހަދާފައިވާ ތަނެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އެތަން ވެފައިވަނީ ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބޭނުން ކުރަމުން އައި ތަނަކަށެވެ. ނަމަވެސް އެއްވެސް ވަރަކަށް އެ ބިނާ މަރާމާތު ކޮށްފައިނުވާތީ، އެ ބިނާ ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

އެހެންނަމަވެސް މާލޭގެ މައިޒާންތަކުގެ އާބާތުރަ ފިލުވައި، މައިޒާންތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ސުނާމީ ބިނާ މައިޒާންވެސް މިހާރު ވަނީ ތަރައްޤީކޮށްފައެވެ.

މި މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ، ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލު ކޮށްގެންނެވެ.

މި މަސައްކަތުގެ ތެރެއިން ސުނާމީ ބިނާ ހުރި ސަރަހައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ 75 މީޓަރުގެ ޝީޓް ޕައިލްވެސް އައު ކޮށްފައިވެއެވެ. އަދި އެ ސަރަޙައްދުގެ ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ގޮތުން ފެންސްވެސް ޖަހާފައިވެއެވެ.

ސުނާމީ ބިނާ މައިޒާނަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ސުނާމީ ބިނާ މޮނިއުމަންޓް، އެ މައިޒާނުގެ އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފައިވެއެވެ. އަދި ޕާކުގައި ވޯކްވޭތައް ހަދާފަވާއިރު، އިށީނދެލައިގެން ތިބޭނެ ގިނަ ތަންތަން ވަނީ ހަދާފައެވެ. ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްޤީ ކޮށްފައިވާ އެތަނުގައި، ގިނަ އަދަދަކަށް ގަސްވެސް ވަނީ ޖަހާފައެވެ.

މަރާމާތުގެ މަސައްކަތް ނިންމާ ސުނާމީ ބިނާ މައިޒާން އާންމުންނަށް ހުޅުވާލީ، މިމަހުގެ 20ވަނަ ދުވަހުއެވެ.