ޚަބަރު

ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އޭޕްރީލް 2 ގެ ނިޔަލަށް


  • "މިސިންގ ރިޕޯޓު"ކޮށްފައި ސިސްޓަމްގައި ހުންނަ 10 ހާހެއްހާ ބިދޭސީން ސިސްޓަމްގައި އެބަތިބި

  • އެމީހުން މަސައްކަތް ކުރަމުންދަނީ މިހާރު އެމީހުން ރާއްޖެ ގެނައި ވަޒީފާދޭ ފަރާތުގެ ދަށުގައެއް ނޫން

  • އެފަދަ ބިދޭސީން ގެންގުޅޭ ވަޒީފާދޭ ފަރާތުން ރަޖިސްޓަރ ވާންޖެހޭނެ ކުރިއަށް އޮތް 3 މަސް ތެރޭގައި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން ތައްޔާރަވެއްޖެއެވެ. މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައޮތް ނަމަވެސް ހުއްދައައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން "މާސް ލީގަލައިޒޭޝަން ޕްރޮގްރާމެއް" ހިންގުމަށް ހަމަޖެހިފައިވާނެއެވެ.

އެވުޒާރާއިން ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ވިދާޅުވެފައެވެ.

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ބައެއް ފަރާތްތަކުން އެކްސްޕެޓް ސިސްޓަމްގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީން "މިސިންގ ރިޕޯޓު" ކޮށްފައިވާކަމަށެވެ. މިފަދަ 10000 އެއްހާ ބިދޭސީން މިފަދައިން ތިބިކަމަށް ދައްކާކަމަށާއި މިމުއްދަތުގެ ތެރޭގައި މިފަރާތްތަކަށް ގަވާއިދުގެ ތެރެއަށް އައުމުގެ ފުރުސަތު އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިގޮތުން ރާއްޖެއަށް ބިދޭސީން ގެނެސްފައި އެބަ ބައެއް ވަޒީފާދޭ ފަރާތްތަކުން ސިސްޓަމްގައި "މިސިންގ ރިޕޯޓު" ކޮށްލާ، އަދި އޭގެ ފަހުން އެހެން މީހެއްގެ ދަށުން އެބިދޭސީ މީހާ އެބަ މަސައްކަތްކުރޭ. މިހާރު ލިބުނު ފުރުސަތުގައި މިހާރު އޭނައަށް ވަޒީފާ ދިން މީހާއަށް މިފުރުސަތު ލިބޭނީ އެބިދޭސީ މީހާ ރެޖިސްޓަރކުރަން ސިސްޓަމްގައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިފުރުސަތު އޮންނާނީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށްކަމަށާއި، އެފުރުސަތު ހަމަވުމަށްފަހު ދެން އަޅުގަނޑުމެން މިހާރު އޮތް ޕްލޭންގެ ދަށުން ދެން ގަވާއިދާ ޚިލާފަށް އުޅޭނަމަ އެފަރާތްތައް ޑީޕޯޓުކުރަމުންދާނެކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމުގެ ފުރުސަތު އޮންނާނީ ވަރކް ޕަރމިޓް މުއްދަތު ހަމަވެފައިވުމާއި، އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައި ނުވުމާއި، ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއްކަމުގައިވުމާއި، ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުމާއި، ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން، އެއްފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއްކަމުގައި ނުވުން އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓުކޮށްފައިވާ ބިދޭސީއެއްކަމުގައި ވާންޖެހޭނެކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.