ޚަބަރު

ހުޅުމާލެ 3ވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު


  • 3ވަނަ ފިޔަވަހިން 1351 ގޯތި ވަނީ ދޫކޮށްފައި

  • މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައި ކަމަށެވެ. ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށްދާ މީހާގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.

ގުރުއަތުލުން ކުރިއަށްދާއިރު، ގުރުއަތުލުން ކުރިއަށްދާ ހޯލަށް ވަދެވޭނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ގުރުއަތުލުމަށް ދާ މީހާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށްވަނީ އެދިފައެވެ.

މި ގުރުއަތުލުން ޕީއެސްއެމްއިން ވަގުތުން ދުރަށް ދައްކާނެއެވެ. އަދި، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 1351 ވަނީ ދޫކޮށްފައެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.