ޚަބަރު

"ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙުޤީޤުކުރަމުން"


  • ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެ

  • ޑިޓޭންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު ބިދޭސީ މީހާ ބަލާ އަންނަކަމަށް ވިދާޅުވި

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކަމަށް ހޮޓްލައިނަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރެއް ތަޢާރަފްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމަށް ހޮޓްލައިނަށް ލިބުނު މަޢުލޫމާތާގުޅިގެން 12 މީހެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށާއި އޭގެ ތެރެއިން 9 ފަރާތެއް ޑިޓެންޝަނަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް ޑިޓޭންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެމީހަކު ބަލާ އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާއިރު ކުރާ ކަންތައްތައް ނުބަލާކަމަށާއި ޤާނޫނު ތަންފީޒް ކުރަން ފެށުމުން އެމީހަކު ބަލާ އައުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަޙްޤީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި އެމީހުން ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤާނޫނު ތަންފީޒް ކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގޭކަމަށާއި އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެކަމަށެވެ.

"މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް ، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން. އެކަމުގެ ޒިންމާ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަންޖެހޭ" ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒިރު ވިދާޅު ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަނެއްގެ ގޮތުގައި ހެދުމަށްފަހު ބިދޭސީން ހިންގަމުންދާ ތަންތަނުގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާކަމަށެވެ. ވަޒިރު ވިދާޅުވީ މިފަދަ ކަންކަން ކުރާ ފަރާތްތަކެއް ލުއިދިނުމެއް ނޯންނާނެކަމަށާއި ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

"މުސާރާ ލިބުނީމަ އެ މުސާރަތައް ޖަމާއެބަކުރޭ ދިވެހި ވިޔަފާރީއެއްގެ ނަމުގައި އޮންނަ އެކައުންޓްތަކަށް. އޭގެން ޑޮލަރު ކޮންމެ ދުވަހަކު ބަދަލުކުރަމުން އެބަދޭ. އެ ޑޮލަރުތައް އެއްކޮށްގެން ސްމަގްލކޮށްގެން ގެންދޭއެބެ. މިފަދަ ވަރަށް ގިނަ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޖިނާޢީ ކުށްތަކަށް ބިދޭސީން އަރަމުން މިދަނީ.މިކަމުގަިއ ދިވެހިން ބައިވެރިނުވުމަކީ ތަކުރާރުކޮށް ނަސޭހަތްތެރިވާކަމެއް." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކައިގައި ވަނީ ބޮޑެތި އަދަދުތަކުން ޓީޓީ ހައްދަވާ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކޮށް، ޓީޓީ ހައްދަމުންދާތީ އެމައްސަލަވެސް ތަޙްޤީގުކުރަމުންދާކަމަށާއި އެކަން ކުރާ ފަރާތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. ވަޒީރު ވިދާޅުވީ ޖޮބް ވިޔަފާރި ކުރުމުގައާއި ބިދޭސީންގެ މުސާރާގެ ކަންކަމުގައި އެ ރޫޓް ބޭނުންކުރާކަން ފާހަގަވެފައިވާކަމަށެވެ.

ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވަކި މިންވަރަކަށް ހިފެހެއްޓިގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއި އެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހަމަޖެއްސެވުމެވެ.