ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ މައްސަލައަކީ ދައުލަތުގެ އިދާރަތަކަށް ހައްލު ނުކުރެވި ޒަމާންތަކެއް ވެފައިވާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކީ މިހާތަނަށް މިކަމުގައި އެންމެ ބޮޑު ނަތީޖާއެއް ނެރުމަށް ކުރަމުންދާ ކަންކަމެވެ.
ދިވެހިރާއްޖޭގައި ބިދޭސީންނަށް ވިޔަފާރި ކުރުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކެއް ހުރެއެވެ. ފޮރިން އިންވެސްޓްމެންޓާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގައި 34 ދާއިރާއަކީ ބިދޭސީންނަށް ވިޔަފާރި ކުރުން މުޅިން މަނާ ދާއިރާތަކެކެވެ. މީގެ ތެރޭގައި ރީޓެއިލް ވިޔަފާރިތަކާއި ސަޕްލައި ވިޔަފާރި ފަދަ ވިޔަފާރިތައް ހިމެނެއެވެ. ނަމަވެސް ފެންނަމުން އައިސްފައިވާ މަންޒަރަކީ ކުދި ފިހާރަތަކާއި ކެފޭތައް ހަދައިގެން ބިދޭސީން ވިޔަފާރި ކުރަމުން ދިޔަ ތަނެވެ. މީގެ އިތުރުންވެސް އެތައް ވިޔަފާރިއެއް ހުއްދަނޫން ގޮތުގައި ބިދޭސީންގެ ބެލުމުގެ ދަށުން ނުވަތަ އެފަދަ ފަރާތްތައް ފަހަތުގައި ތިބެގެން ކުރެއެވެ. އަދި ދިވެހިންގެ ނަމުގައި ބިދޭސީންނަށް ބޮޑު މަންފާއެއް ލިބޭހެން ކުރާ ވިޔަފާރިތައްވެސް މަދެއްނޫނެވެ.
ސަރުކާރުން މަސައްކަތް ފެށިއިރު މައްސަލައިގެ މޫލާފައިވާ މިންވަރު ރަސްމީކޮށް ހާމަކޮށްފައިނުވެއެވެ. މުޖުތަމަޢު ތެރޭގައި މިކަން ފެތުރުރިފައިވާ މިންވަރު އަންދާޒާވެސް ކުރެވިފައި ނެތެވެ. ދާޚިލީ ވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އަހުމަދު ފަސީހު ވަނީ މުޖްތަމަޢު ތެރޭގައި މިކަމުގެ ނުރައްކާ އޮތް މިންވަރު ހިއްސާކޮށްދެއްވާފައެވެ. ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ވިޔަފާރި ކުރަމުންދާ ބިދޭސީން އުޅެމުން އައިސްފައިވަނީ ބާރުގައިކަން އިމިގްރޭޝަން ކޮންޓްރޯލަރގެ ވާހަކައިން އެނގެއެވެ.
މިމައްސަލަ ފެށެނީ އާދައިގެ މަތިން، ކޮންމެވެސް މަސައްކަތެއްގައި ބިދޭސީ މީހާ ޤާނޫނީ އިމުގެ ތެރެއިން ރާއްޖެ ގެންނަ ހިސާބުންނެވެ. އެހީސާބުން އޭނަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަނީއެވެ. އެހިސާބުން ބިދޭސީ މީހާ ވިޔަފާރިތައް ފަށައެވެ. މި ވިޔަފާރިތައް ރަޖިސްޓްރީ ކުރަނީ ބިދޭސީ މީހާ ނަންމަތީގައެވެ. ނަމަވެސް ގިނަ ފަރަހަރު އެފަރާތްތަކަށް ބިދޭސީ މީހާ ކުރަނީ ކޮން ވިޔަފާރިއެއް ކަމެއްވެސް ނޭނގެއެވެ. ވަޒީފާ ދީގެން ބިދޭސީ މީހާ ރާއްޖެ ގެނައި ދިވެހި މީހާ ބަދަލުވަނީ، އެއްކަލަ ބިދޭސީ މީހާގެ ދަށުން މަހު މުސާރަ ލިބޭ މީހަކަށެވެ. ބައެއް ބިދޭސީން ޖާނާއި މާލުން ގުރުބާންވެގެން ރާއްޖެ އަންނަނީވެސް ބޮޑެތި ފައިދާތަކެއް ވިޔަފާރިކޮށްގެން ލިބޭކަން އަދި ރާއްޖޭގައި އެފަދަ ދޮރުތައް ހުޅުވިިފައިހުރިކަން އެނގޭތީކަމަށްވެސް ވެދާނެއެވެ.
މިފަދަ ވިޔަފާރިތައް ޓެކުހެއް ނުދައްކައެވެ. ބައެއް ފަހަރު ވިޔަފާރި ކުރުމުގެ ހުއްދަވެސް ނޯވެއެވެ. ވިޔަފާރިއަށް ލިބޭ ފައިސާ ދައުރުކުރަނީ ބިދޭސީ މީހާގެ އަމިއްލަ އެކައުންޓުގައެވެ. މިކަން މިގޮތަށް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަމުން ލިބޭ މާލީ މަންފާގެ ސަބަބުން ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ފަސީޙް ވިދާޅުވީ މިފަދަ މައްސަލަތަކުގައި، ބިދޭސީ މީހާ ޤާނޫނާއި ޤަވާއިދާ ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުންވެސް އެކަމުގައި ހައްލެއް ނުފެނެއެވެ.
"މިއިން މީހަކު އަޅުގަނޑުމެންގެ ކަސްޓަޑީއަށް ނަގައިފިއްޔާ ލޯޔަރުން އެބައާދޭ ހިލޭ ސާބަހަށް. 6 މީހުން 7 މީހުން. އެކަމަކު ފުލުހުންގެ ތެރެއިން މީހަކު ހައްޔަރަށް ގެންގޮސްފައިއްޔާ 20،000 ރުފިޔާ ދީގެން ފުރަތަމަ ލޯޔަރަކު ފުލުހުންގެ ތެރެއަށް ދާނީވެސް. ބިދޭސީ މީހަކު ހައްޔަރައް ގެން ގޮސްފިއްޔާ ހިލޭ ސާބަހަށް 10 ވަރަކަށް މީހުން 6 މީހުން އެބަދޭ. " ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހް ވިދާޅުވިއެވެ.
މިކަމުން ދައްކުވައިދެނީ މިކަމުގެ މޫ ލާފައި އޮތް މިންވަރު ކަމަށާއި، ޤަވާޢިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ދިވެހި ވިޔަފާރީގެ ބާޒާރަށް ވަދެފައި އޮތް މިންވަރު ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ޓީމުތައް އެމީހުންގެ ދިފާޢަށް ނިކުތުމުން އެމީހުންގެ އަތުގައި ލާރި ހުރި މިންވަރު ފެންނަކަން އިމިގްރޭޝަން ކޮންޓްރޯލަރ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިވަނީ މިފަދަ 47 ވިޔަފާރިއެއް ބަންދުކޮށްފައެވެ. އަދި އާންމުންގެ ފަރާތުން މިހާތަނަށް 200އަށް ވުރެ ގިނަ ރިޕޯޓް ލިބިފައިވާއިރު، މި ވިޔަފާރިތައް ބަލާ ފާސްކުރުމުގެ މަސައްކަތް ތަންފީޒީ އިދާރާތަކާއި ގުޅުން ހުރި އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުން ދަނީ ކުރަމުންނެވެ.
ދާޚިލީ ވަޒީރު ޢަލީ އިހުސާން ވަނީ މިގޮތަށް ދިވެހިން ނިވާފަތްގަނޑަކަށް ހަދައި ބިދޭސީންނަށް ވިޔަފާރި ކުރުމުގެ ފުރުސަތުދޭ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ހުރިޙާ ދިވެހިންނަށް ނަސޭހަތްތެރިވަން އެބޭފުޅުން ނަމުގައި ދައުލަތުގެ އިދާރާތަކަށް ފެންނަ ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށް ނުލައްވާށޭ. އެ ފަރާތްތަކުން ޤާނޫނާއި ޚިލާފަށް ކުރާ ކަންކަމަށް ޒިންމާ ނަންގަވަން ޖެހޭނީ ތި ދިވެހި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން. މިގޮތަށް މިކަން ނުކުރައްވާ އެމީހުންގެ މައުލޫމާތު ހިއްސާކުރުމަކީ އަޅުގަނޑުމެންގެ އެދުމެއް." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދިވެހިންނަށް މަންފާ ލިބެންހުރި ބާވަތްތަކުގެ ވިޔަފާރިތަކާއި، އެތައް މަސައްކަތެއް ބިދޭސީންގެ ބެލުމުގެ ދަށުން ނުވަތަ އެމީހުންގެ މުށުތެރޭ ލައިގެން ނާޖާއިޒްއެތައް ފައިދާތަކެއް ނަގަމުންދާއިރު، މިމައްސަލައަކީ ދިގުލައިގެން ގޮސްފައިވާ ޒަމާންވީ މައްސަލައެކެވެ. މިވާހަކަ އާންމު ފަރާތްތަކުންވެސް ދައްކައެވެ. ނަމަވެސް މިދަރަޖައަށް ކަންކަން ގޮސްފައިވަނީ ކަންކަން ބަލަން ވާވަރަށް ނުބެލުމާއި އިދާރާތަކުންވެސް މީގެ ކުރިން ކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭ މިންންވަރަށް އެކަންކަން ނުކުރެވި ހުރުމުންކަމީ ފެންނަން އޮތް ހަޤީގަތެވެ. ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު މިމައްސަލަ ހައްލުކުރެވި، ދިވެހިންގެ އަތްމަތިން ގެއްލިފައިވާ އެތައް ބާވާތެއްގެ ވިޔަފާރިއާއި ޚިދުމަތްތަކުގެ ފުރުޞަތުތައް ދިވެހިންގެ އަތްމައްޗަށް ގެނެވިދާނެއެވެ. އެފަދަ މަންޒަރުތަކެއް މިހާރުމިދަނީ ފެންނަމުންނެވެ. އެކަން އެގޮތަށް ވުމުން އިޤްތިޞާދުގައި ބޭރު ފައިސާ ހިފެހެއްޓުމަށް މަގުފަހިވެ، ދިވެހި އިޤްޠިޞާދަށް މިކަމުން ކުރިއެރުން ލިބޭނެ ކަމީ ސާފުކޮށް ފެންނަ ހަޤީޤަތެކެވެ.