ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދީފައެވެ.
ޖޫރިމަނާ މަޢާފްކޮށްދީފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދީފައިވާކަމަށެވެ. ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މަޢާފްކޮށްދީފައިވަނީ މިިދިޔަ އަހަރުގެ ޖަނައަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.
2 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4984 ރުފިޔާއެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ އިތުރު ކަމަށް އެޗްޑީސީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ނިންމާފައިވާއިރު މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ދިޔަ ޚަރަދުން 2 ލައްކަ ރުފިޔާ މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެބަދަލު އެގްރީމަންޓަށް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށެވެ.
ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފައެވެ. އެގޮތުން، ރައީސް ވިދާޅުވިގޮތަށް 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި 3 ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ސެކިއުރިޓީ ޑިޕޮޒިޓް 25،000 ރުފިޔާއިން 8،500 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.
މީގެ އިތުރުން 2 ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާ އެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮޒިޓް 15000 ރުފިޔާއިން 6،000 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.