ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 40 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތާއެކު މިހާރުވަނީ ފަރުކޮޅު ފުއްޓާ ގުޅާލާފައެވެ. ރިސޯޓެއްގެ ގޮތުގައި ހިންގަމުން ދިޔަ ފަރުކޮޅު ފުއްޓަކީ، ބައެއް ފަރާތްތަކުން ކައިވެނި ޕާޓީތަކާއި އެނޫންވެސް ޕާޓީތައް ބާއްވަމުން އަންނަ ތަނެކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިމަސައްކަތް މިހާރު ކުރަމުންދަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ ޑްރެޖަރުތަކާއެކުގައެވެ. އެމްއޭސީއެލްއިން ވިދާޅުވީ، މި މަޝްރޫޢުގެ 63.5 އިންސައްތައާއެކު މިހާތަނަށް ޖުމްލަ 40 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަސައްކަތުގެ ސްޕީޑު ވަނީ އަވަސްކޮށްފައެވެ. އެގޮތުން އެމްއޭސީއެލްއިން ހާމަކުރަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި 9 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
އެމްއޭސީއެލްއިން ދަނީ، 22000 ކިއުބިކް މީޓަރުގެ 2 ޑްރެޖަރު، "ޕްރިންސް ޑަރ ނެޑެލެންޑަން" އާއި، އޮރެންޖީއިން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެކި ފަހަރު މަތިން ބިން ހިއްކުމުގެ މަސައްކަތް މިވޭތުވެދިޔަ މުއްދަތުގައި ހުއްޓިފައި އޮތުމަށްފަހު އެމަސައްކަތް އަލުން ފަށާފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 10 ގައެވެ.
ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާއެވެ.