ޚަބަރު

އުޅަނދުތައް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއަށް، ފީއެއް ދައްކާކަށް ނުޖެހޭނެ


  • އެސަރަޙައްދުގައި އުޅަނދު ބޭއްވޭނީ ނޯތު ހާބަރުގެ ހުއްދަ ހޯދައިގެން

  • 1 ނަމްބަރު ޖެޓީގައި ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށް

  • 2 ވަނަ ސެގްމަންޓްގެ މަސައްކަތް 3 މަސްތެރޭ ނިންމުމަށްވަނީ ކަނޑައަޅާފައި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށްޓަކައި ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމުގައި ފީ ނުނަގާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެއެވެ. އަދި 1 ނަމްބަރު ޖެޓީއަށް ކައިރިކޮށް އުޅަނދުތައް ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމާ މިހާރު އަންނަނީ ދެވަނަ ސެގްމަންޓްގެ މަސައްކަތް ކުރަމުންނެވެ. މިސެގްމަންޓުގައި ލޯކަލް މާރުކެޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ނޯތު ހާބަރުގެ ޒޯން އޭގައި ޚިދުމަތް ދެމުންދާ އުޅަނދުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމަށްވަނީ ހަމަޖައްސާފައެވެ.

އެމްޕީއެލްއިން ވިދާޅުވީ، މިމަސައްކަތް ކުރިއަށްދާ މުއްދަތުގައި ނޯތު ހާބަރުގެ ޒޯން އޭގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދު ފަހަރުތައް 1 ނަމްބަރު ޖެޓީ ސަރަޙައްދަށް ބަދަލުކޮށް ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. އަދި އެސަރަޙައްދަށް އުޅަނދުފަހަރު ވަދެ ކައިރިކޮށް އަދި އަޅާފައި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްއިން ވިދާޅުވީ އެސަރަޙައްދުގެ ކީވޯލަށް އުޅަނދުތައް ކައިރިކުރެވޭނީ މާލޭ ނޯތު ހާބަރުގެ ޒޯން އޭގެ އެއްގަމު ތޮށީގެ ކިޔު ތަރުތީބުންކަމަށާއި 1 ނަމްބަރު ޖެޓީގައި އުޅަނދު އެންމެ ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށްކަމަށެވެ. އަދި އަލުން ކީވޯލާއި ކައިރިކުރެވޭނީ އަލުން ކިޔުގައި ނޯޓުކޮށް ކިޔު ތަރުތީބުންކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. އެކުންފުނިން ވިދާޅުވީ އެގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ ހުރިހައި އުޅަނދުފަހަރަކަށްވެސް އެއްހަމައަކުން އަދި އެއް އުސޫލަކުން ޚިދުމަތް ދިނުމަށްކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމަންޓްގައި ހިމެނޭ ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީންދަނީ މަސައްކަތް ކުރަމުންނެވެ.