ޚަބަރު

އަތޮޅުތަކުގެ ކެމްޕަސްތަކާއެކު މަތީ ތަޢުލީމަށް ކުރާ ހޭދައަށް ލުޔެއް


  • އައިޔޫއެމް އަދި އެމްއެންޔޫގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި ޤާއިމުކުރަނީ

  • މިއާއެކު ރަށްރަށުން ކުދިން ކިޔަވަން މާލެ އަންނަން ނުޖެހޭނެ

އަތޮޅުތަކުގައި ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ތަރައްޤީވެގެން ދިޔުމުން މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލެއަށް އައިސް ދަރިވަރުން މާލީގޮތުން ކުރަން ޖެހޭ ބޮޑު ހޭދައަށް ހައްލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި މަތީ ތަޢުލީމުގެ ފުރުސަތު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޢުމްރާނީގޮތުން ބޮޑު މަޝްރޫއެއް ފަށާފައިވާކަމަށެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލެއަށް ބަރޯސާ ވާންޖެހޭ ޖެހުމާއި ގުޅޭގޮތުން ޒުވާނުން ހުށައެޅި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ޤާއިމުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ބައެއް ބޮޑެތި އަތޮޅުތަކުގައި ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަ ދަނާލެއް ޤާއިމުކުރުމަށްވެސް މަސައްކަތް ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއާއެކު މިހާރު މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށުން ކުދިން މާލެއަށް އައިސް އުފުލާ މާލީ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް އަތޮޅުތަކުގައި އައިޔޫއެމް އަދި ބައެއް އަތޮޅުތަކުގައި އެމްއެންޔޫގައި އަދި ބައެއް އަތޮޅުތަކުގައި ދެ ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމުކުރުމަށް މިހާރުވަނީ މަސައްކަތް ހަވާލުކޮށްފައި. ކުރިއަށް އޮތް އަހަރުތަކުގައި މިމަސައްކަތް ނިމިގެންދިޔުމާއެކު ޒުވާނުން ފާހަގަކުރި ބޮޑު މައްސަލައަށް ހައްލު އަންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލެއަށް ބަރޯސާވުމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. އަދި އެތަންތަނަށް ބޭނުންވާ ވަޞީލަތް އަދި ޓީޗަރުން ހޯދުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އެކި އަތޮޅުތަކުގައިވަނީ އެމްއެންޔޫ އަދި އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރުމަށްވަނީ ބިންގާ އަޅާފައެވެ. ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި މަތީ ތަޢުލީމުގެ ފުރުސަތު އަތޮޅުތަކުގައި ފުޅާކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.