ޚަބަރު

ޕީކް ސީޒަންގައި މާފަރަށް 800 ޖެޓު


  • ޖެޓު މޫވްމަންޓް މިހާރުވެސް ވަނީ 200އަށް އަރާފައި

  • މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖެއްސީ 579 ޕްރައިވެޓް ޖެޓް

ފަތުރުވެރިކަމުގެ ޕީކް ސީޒަން ނިމޭއިރު މާފަރު އެއަރޕޯޓުގެ ޖެޓު މޫވްމަންޓް 800 އަށް އަރާނެކަމަށް ލަފާކޮށްފިއެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު މިހާރުވެސް 200އަށްވުރެ ގިނަ ޖެޓު ވަނީ މާފަރު އެއަރޕޯޓަށް ޖައްސާފައެވެ.

މާފަރު އެއާޕޯޓު ބޭނުންކުރަން ފެށީއްސުރެ ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓު ޖައްސައެވެ. އަދި އެއާޕޯޓުގައި މަތިންދާބޯޓުތަކަށް އޮންނަ ޕާކިން އޭރިއާ މި އަހަރު ދެގުނައަށް ބޮޑުކޮށްފައިވާއިރު ޖައްސާ ޖެޓުތައް އެހެން އަހަރުތަކަށް ވުރެ ވެސް ވަނީ އިތުރުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާފަރު އިންޓަނޭޝަން އެއަޕޯޓުގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެޓުތައް ޖައްސަމުން އަންނަ އިރު މިވަގުތު ވެސް 15 ވަނަރަކަށް ޖެޓް ޕާކުކޮށްފައި އެބައޮތް ކަމަށެވެ. އަދި އަންނަ އާދިއްތަ ނުވަތަ ހޯމަ ދުވަހުން ފެށިގެން މާފަރު އެއާޕޯޓަށް ޖައްސާ ޖެޓުތަކުގެ އަދަދު 25 އަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުމްތާޒް ވިދާޅުވީ ކުރިން އެއްފަހަރާ 13 ފްލައިޓް ޕާކްކޮށްފައި އޮތްނަމަވެސް މިހާރު އެއަދަދު އިތުރުވެ އެއްފަހަރާ 30 ވަރަކަށް ފްލައިޓަށް ޚިދުމަތް ދެވޭކަމަށެވެ.

މާފަރު އެއާޕޯޓުގެ ޕާކިން އޭރިއާ ބޮޑުކުރުމުން، ރ. އަތޮޅާއި ބ. އަތޮޅުގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ޖެޓުތަކުގައި އަންނަ މަހުޖަނުން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި މާފަރު އެއާޕޯޓަށް ޖައްސަމުންދެއެވެ. މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖެއްސީ 579 ޕްރައިވެޓް ޖެޓެވެ. އަދި މި އަހަރު އެ އަދަދު އިތުރުވަނީ އޭޕްރަންގެ ޖާގަ ބޮޑުކޮށް، ޖެޓުތަކަށް ޕާކު ކުރެވޭނެ ޖާގަ އިތުރު ކުރުމުން ކަމަށް މުމްތާޒް ވިދާޅުވިއެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުން އިތުރުވާއިރު ގިނަ އަދަދެއްގެ ޖެޓުތައް ކޮންމެ އަހަރަކުވެސް ރާއްޖެ އާދެއެވެ. މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ޖެޓުތައް ވަނީ ޕާކުކޮށްފައެވެ.

މާފަރު އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރުއެވެ. އެ އެއާޕޯޓު ހުޅުވި ފަހުން އެކި މަރުހަލާތަކުގެ މަތިން، އެއާޕޯޓު ބޮޑުކޮށްފައިވެއެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ތަރައްޤީކޮށް ދާދިފަހުން ވަނީ ހުޅުވާފައެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްއިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއަރލައިންތަކަށް ޚިދުމަތްދެމުން ދާ އެއަރޕޯޓެވެ.