ޚަބަރު

ދިރާސީ އައު އަހަރަށް 30 އިމާރާތެއްގެ މަސައްކަތް ނިންމަނީ


  • ސްކޫލްތަކުގެ އާބާތުރަފިލުވުމަށް މިއަހަރު 70 މިލިޔަން ރުފިޔާ ޚަރަދުކުރި

  • އަދިވެސް ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހޭ ސްކޫލްތައް އެބަހުރި

ތަޢުލީމީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 30 އިމާރާތެއްގެ މަސައްކަތް ނިންމާ އަންނަ ދިރާސީ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ތަޢުލީމީ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ނިންމުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތް ހިމެނެއެވެ. 4 އަހަރަށްފަހު އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ދިރާސީ އަހަރަށް ތައްޔާރުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި މަސައްކަތް ކުރި ވަރަކަށް ކުރީ ސަރުކާރުތަކުން ކޮށްފައިނުވާ ކަމަށެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ އަހަރުވެސް އާބާތުރަ ފިލުވުމުގެ މަސައްކަތަށް 30 މިލިޔަން ރުފިޔާ ޚަރަދުކުރި ކަމަށާއި، މިއަހަރުގެ މިހާތަނަށްވެސް 70 މިލިޔަން ރުފިޔާ ސްކޫލްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ކޫލް ސްކޫލް ކުރިއަށް ގެންދިޔުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާއި އަންނަ އަަހަރުގެ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން 20 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް މިހާރުވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 55 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. ވަޒީރު ވަނީ، އަންނަ ދިރާސީ އަހަރު ބޭނުންކުރެވޭ ވަރަށް 30 އިމާރާތެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށޭނެކަން ފާހަގަކުރައްވާފައެވެ.

"ފާރާއި، ފުރާޅާއި، ސީލިންއާ އެކިކަންކަން ކުރުމަށްޓަކައި މިހާރު ވަނީ އެލޮކޭޝަންކޮށް ނިންމާފައި. ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތައް އާބާތުރަ ފިލުވުމަށްޓަކައި މި ކުރިވަރަކަށް އެއްވެސް ސަރުކާރަކުން ނެތް މަސައްކަތްކޮށްފައި. މާނައެއް ނޫން އަދިވެސް މަރާމާތައް ޚަރަދުކުރަން ނުޖެހޭނެއޭ. އެއީ ދިގު މުއްދަތަކަށް މަރާމާތުނުކޮށް ދިޔާމާ ހުރި މަރާމާތުތައް އެބަހުރި. އަދިވެސް އެބަހުރި ބޮޑުކޮށް މަރާމާތު ކުރަންޖެހޭ ސްކޫލްތައް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުގައި ކުރަން ހުރި މަސައްކަތް ކުރުމަށް ބަޖެޓް ހަމަޖައްސާފައިވާއިރު، އަންނަ ދިރާސީ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "ޝަހީދު އަލީ" ސްކޫލް ހުޅުވާނެއެވެ. އެ ސްކޫލަށް ވެއްދުމަށްޓަކައި 1800 ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، އާބާދީ އިތުރުވަމުން އަންނަ ހުޅުމާލެއަށްވެސް އިތުރު ސްކޫލްތައް ގެނައުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ހުޅުމާލެއަށް މަދުވެގެން 4 ސްކޫލެއް ގެނައުމަށް ޕްލޭންކޮށްފައިވާ ކަމަށާއި، އެ މަޝްރޫޢުތަކުގެ ޑިޒައިންގެ މަސައްކަތް ނިންމާ ސްކޫލްތައް ތަރައްޤީކުރާނެ ސަރަޙައްދުތައްވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދެން އޮތީ، އެ މަސައްކަތްތަކަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.