ޚަބަރު

މާލެ ސިޓީގައި އަޅާ ބައެއް ފްލެޓްތަކުގެ މަސައްކަތް މިމަހު ފަށަނީ


  • މިއީ މާލެ ސަރަޙައްދުގައި އެއްފަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢު

  • ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު މިމަހު 15 ގައި ހުޅުވާލާނެ

މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ.

އެ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިމިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަކީ، ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދާ ފަހަރެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަހަކަ ދައްކަވަމުން އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް އިޢުލާންކޮށްފައިވާ 7900 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މިސަރުކާރުން މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައިވާއިރު، މިއީ މާލެ ސަރަޙައްދުގައިވެސް އެއްފަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"މިއީ މާލެ ސަރަޙައްދުގައި އެއްފަަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން. ބިން ދޫކުރުމުގެ މަޝްރޫޢުއަކީވެސް އެންމެ ބޮޑު މަޝްރޫޢު. ފްލެޓުގެ އިތުރުން
15000 ގޯތި ދޫކުރުމަށްވެސް ނިންމާފައިވޭ." އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި މި ފުރުޞަތު އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލުމަށް ނިންމާފައިވެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމާ ގުޅޭ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ދެ ކެޓަގަރީއަކުން ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލްއާއި، ރެންޓް-ޓު-އޯން މޮޑެލްއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް އެދެވޭނީ 18 އަހަރުވެ، މާލޭގެ ރަށްވެއްސެއްނަމަ ރަށްވެއްސަކަށްވިތާ 14 ޖެނުއަރީ 2026އާ ހަމައަށް މަދުވެގެން 1 އަހަރުވެފައިވާ މީހުންނަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއްނަމަ 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ މަދުވެގެން 15 އަހަރުވެފައިވާ މީހުންނަށެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުންވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެމީހެއްގެ ނުވަތަ އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗަކުން ބައެއް އޮވެގެން ނުވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މި އުސޫލުގައި ބޯހިޔާވަހިކަން ދޫކުރުމުގައި އިސްކަންދޭނެ ފަރާތްތައްވެސް ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި، ބަފައިންނަށް ހިމެނެއެވެ.

ރަށްރަށުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 6780 އެއްހާ ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން އެ ވުޒާރާއިން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކޮށް ނިމިފައިވާ ހައުސިންގ ޔުނިޓްތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އޭގެތެރޭގައި ހދ. ނޮޅިވަރަންފަރާއި، ތ. ތިމަރަފުށްޓާއި، މ. ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހައުސިންގ ޔުނިޓްތައް ތަރައްޤީކޮށް ނިމުނުތާ ގިނަ ދުވަސްތަކެއްވެފައިވާތީ، މިތަންތަން މަރާމާތު ކުރަން ޖެހިފައިވުމުން އެކަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ހައުސިންގ ޔުނިޓު ހަވާލު ކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އަދި މިމަހުގެ ތެރޭގައި ބ.ތުޅާދޫއާއި ތ.ވިލުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ސަރުކާރުން ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ނިންމާލެވޭނެއެވެ. މިއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބަޑު ތަނުން ޙައްލެއް ލިބޭނެކަންވެސް އެވުޒާރާއިން ފާހަގަކުރައްވައެވެ.