ޚަބަރު

ޓީމު އޮތީ ތައްޔާރަށް، އުއްމީދުކުރަނީ ކާމިޔާބީއަށް: ކެޕްޓަން ޝާލިޔާ


ތައިލެންޑުގައި ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް މުޅި ޓީމު ވެސް އޮތީ ތައްޔާރަށް ކަމަށާއި، އުއްމީދުކުރަނީ ކާމިޔާބީއަށްކަމަށް ޤައުމީ އަންހެން ފުޓަސަލް ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ ބުނެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗަށް ވަގުތު ކުޑަތަން ވެފައިވާއިރު ގައުމީ ޓީމުން ވަނީ ފުރަތަމަ ފަހަރަށް އިންޑޯ ޕިޗެއްގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންފޮސްފައެވެ. މި ފަރިތަކުރުންތަކުން، މުބާރާތަށް ތައްޔާރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަަމަށް، ޤައުމީ ޓީމުގެ ކޯޗު އާތިފް މުޙައްމަދު (އާތީ) ވެސް ބުނެފައިވެއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝާލިޔާ ބުނީ ވަކިވަކި ކުޅުންތެރިންގެ މެންޓާލިޓީއާއި ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ވެސް ތިބީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ކުރި މަސައްކަތަށް ބަލާފައި، މި މުބާރާތުގައި ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާސިލްވެވޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާކަމަށް ވެސް ޝާލިޔާ ބުނެފައިވެއެވެ.

ތައިލެންޑަށް ފުރުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ޝާލިޔާ ބުނީ، ފުރަތަމަ ފަހަރަށް ޤައުމީ ޓީމެއްގެ ގޮތުގައި ރާއްޖޭގެ އަންހެން ފުޓްސަލް ކުޅުންތެރިންނަށް ފުރުސަތު ފަހިވެގެންދިއުމަކީ މި ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމަކާއި ހިތްވަރަކަށް ވެގެންދިޔަ ކަމަށެވެ.

މުބާރާތުގައި ކާމިޔާބީއާ ހަމައަށް ދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ބުނެ ޝާލިޔާ ވަނީ ދިވެހިންނަށް ޙާއްސަ މެސެޖެއް ވެސް "ޕީއެސްއެމް ނިއުސް" މެދުވެރިކޮށް ދީފައެވެ.

"އަޅުގަނޑުމެންނާ ދޭތެރޭ ވެސް އުއްމީދެއް ބައިންދާދީ. އަޅުގަނޑުމެންގެ ހުރިހާ ޕްލެޔާސް ވެސް ހަމަ މިކޮޅުގައި ރެޑީ ވެވޭނެ އެންމެ ރަނގަޅަކަށް ރެޑީ ވެގެން މިދަނީ. ތައްޔާރުވާން ލިބުނު ޑިއުރޭޝަނަށް ބަލާފައި، ކުރެވުނު އެންމެ ބުރަ މަސައްކަތެއް ކޮށްގެން، މި ސަރަހައްދުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތް ކުރާނަން. އެހެންވީމަ އަޅުގަނޑުމެންނަށް ވެސް ސަޕޯޓު ދެއްވާ، ހަމަ ފިރިހެން ފުޓްސަލް ޓީމަށް ވެސް ސަޕޯޓުދޭ ގޮތަށް". ޓީމަށް ސަޕޯޓުކޮށްދިނުމަށް އެދި ޝާލިޔާ ބުންޏެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.