ޚަބަރު

ސްކޫލްތަކުގެ މަރާމާތަށް 20 މިލިޔަން ރުފިޔާ!


  • މިދިޔަ ދެތިން އަހަރަކީ މި މަސައްކަތަށް އެންމެ ބޮޑު ހޭދައެއް ކުރި އަހަރު

  • ވަޒީރު ވިދާޅުވީ ހުރިހާ ސްކޫލްތަކުން ފޮނުވި ރިކުއެސްޓްތަކަށް ހުއްދަ ދީފައިވާކަމަށް

ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ސްކޫލްތަކުގެ މަރާމާތުގެ މަސައްކަަތަށް 20 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި ދެ އަހަރަކީ ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ އަހަރުތައްކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ މަރާމާތަކީ އެންމެ އިސްކަން ދީގެން ކުރިއަށްގެންދާ އެއް މަސައްކަތްކަމަށެވެ.

ވަޒީރު ވިދާޅުވީ މާލެއާއި އަދި އަތޮޅުތަކުގެ ސަކޫލްތަކުންވެސް މަރާމާތަށް ބޭނުންވެގެން ވަރަށް ގިނަ ހުށަހެޅުންތައް އައިކަމަށެވެ. އެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންދިއުމަށް ބޭނުންވާ ކަންކަން ސްކޫލްތަކަށް ހަމަޖައްސައިދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރޭގައި ބޮޑެތި މަރާމާތުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

"މިދިޔަ 2-3 އަހަރަކީ ސްކޫލްތަކުގެ މަރާމާތަށް އެންމެ ބޮޑު ހޭދައެއް ކުރި އަހަރުތައް. މި ފަހަރުގެ މަރާމާތަށްވެސް 20 މިލިއަން ދޫކޮށްލައިފިން. އަތޮޅުތަކާއި މާލެއިން ލިބުނު ހުރިހާ ރިކުއެސްޓްތަކަށް ހުއްދަ ދީފިން. މީގެތެރޭގައި އިމާރާތުގެ މަރާމާތާއި ކަރަންޓު މަސައްކަތް، ދޮރުތައް ބަދަލުކުރުން އަދި ފާޚާނާތައް މަތާމާތުކުރުންފަދަ މަސައްކަތްތައް ހިމެނޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައެއް ސްކޫލްތަކުގައި ބޮޑެތި މަރާމާތުތައްވެސް ހުރިކަމަށެވެ. އޭގެތެރެއިން ސްކޫލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ނިންމާނެކަމަށް ވިދާޅުވިއެވެ. އަދި ދެން ހިމެނޭ މަސައްކަތްތައްވެސް އެއަށްފަހު ކުރިއަށްދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިރާސީ އަހަރުގެ ތައްޔާރީތައް، ވުޒާރާއާއި ސްކޫލްތައް ގުޅިގެން ވަރަށް ފުރިހަމައަށް ކުރިއަށްދާކަމަށެވެ.