ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުތައް ގެޒެޓުގައި ޝާޢިއުކޮށްފާވާނެ ކަމަށާއި، މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލެވިފައި
— Ministry of Construction, Housing & Infrastructure (@MoCImv) January 18, 2026
އެޕްލިކޭޝަން ހުށަހެޅުން: https://t.co/RmhurERkNa #BoahiyaavahikanEmmennah… pic.twitter.com/UBwQ3W9Mq2
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސްކީމުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމާއި ގުޅިގެން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ފޯމު ހުށަހެޅުމުގެ މަރުހަލާ ނިމި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަށް ކަނޑަޅުމުގެ މަސައްކަތައްފަހު މިދައުރުގެ ތެރޭގައި ހަވާލުކުރަން ފެށެނެކަމަށެވެ.
މިފަހަރުގެ ސްކީމުގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ވަނީ ހިމަނާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޙާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށެވެ. އަދި ފޯމު ހުށައެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެ ކުރީގެ ސްކީމްތަކަށް ހުށައެޅުމުގައި އެންމެ ގިނަ ބަޔަކަށް މައްސަލަ ކުރިމަތިވީ މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމުގައެވެ. މިފަހަރުގެ އުސޫލުތައް ބުނާ ގޮތުންވެސް ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026ގެ ނިޔަލަށެވެ. އަދި ޚާއްސަ ޚާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.
ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާއްމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ.