ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ޤާއިމުކުރުމަށް ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ރައްޔިތުން ހިތްހަމަޖެހިލާ ޢައިލާއާއެކު ދަތުރުދާނެ ސަރަޙައްދުތަކެއް ނެތްކަމުގެ ކަންބޮޑުވުން ރައްޔިތުންނާ ގާތަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ރަށްރަށުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހިއްސާކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެފަދަ ޕިކްނިކް އައިލެންޑްތަކެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ދިރާސާތައް ކުރާނެކަމަށް އޭރު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިމަސައްކަތް ބަލަހައްޓަމުން ދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން މިހާރުވަނީ ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކުރައްވާފައެވެ. ބީލަން ހުށައެޅުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އީޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރވާންޖެހެއެވެ. އަދި 25 ޖެނުއަރީ ވަ އާދިއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށްވަނީ އެދިފައެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ އަންދާސީ ހިސާބު ހުށައެޅުމުން ފުރުސަތު 28 ޖެނުއަރީވާ ބުދަދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އެފުރުސަތު އޮންނާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށާއި މުޖުތަމަޢުގެ ތެރޭގައި އޮންނަ ގުޅުންތައް ވަރުގަދަކޮށް ޢައިލީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކުރުމަށް ބާރުއެޅުމަށް ސަރުކާރުގެ އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ޚާއްސަ އިސްކަމެއްދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، މާލެ ސަރަޙައްދުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކި މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.