މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރު ކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ފެނުގެ ވިއުގަ އިމަރޖެންސީ ހާލަތުގައި ބޭނުން ކުރެވޭ ވަރަށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރު ހުޅުވި ސިނަމާލެ ބުރިޖުގެ އަރިމަތީގައި މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ވަނީ ހޮޅިއެއް އަޅާފައެވެ. އަދި އެ ހޮޅި ބޭނުންކޮށް، މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް 2018 ވަނަ އަހަރު ފެށިއެވެ. ނަމަވެސް މިދިޔަ 5 އަހަރު އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު މި ސަރުކާރުން އިސްނަގައިގެން ވަނީ ފެނުގެ ވިއުގައިގެ މަސައްކަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކދައްކަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ މީރު ފެން ހޮޅި މިހާރު ބޭނުން ކުރެވޭ ވަރަށް ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ލަސްވީ ދެކޮޅުގައިވެސް ޤާއިމްކުރަންޖެހޭ ޕަންޕު ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރަން ޖެހުމުން ކަމަށް މަތީން ވިދާޅުވިއެވެ. އަދި މިހާރު އިމަރޖެންސީ ހާލަތުގައި މި ހޮޅި ބޭނުން ކުރެވޭ ވަރަށް މަސައްކަތް ނިންމާފައިވާ ކަމަށް މަތީން ވިދާޅުވިއެވެ.
"ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަށް އިތުރު ވަގުތު ބޭނުންވާނެ. ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަކީ އޭގެ ޒާތުގައި ރެގިއުލާކޮށް ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނޫން. ފެން ޕަންޕު ކުރުމަކީވެސް އިތުރު ކޮސްޓު އަދި ހަކަތަވެސްދާނެ ކަމެއް. އޭގައި ކަމެއް ބޮޑަށް ދިމާވާއިރު އެ ހޮޅި ބޮޑަށް ބޭނުން ކުރަން ޖެހޭނީ." މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، މި ހޮޅި ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ދުވާލެއްގެ މައްޗަށް ކޮޅަކަށް 2000 ޓަނުގެ ފެން ޓްރާންސްފަރ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލެ ގުޅާލައި ޤާއިމުކުރާ ފެނުގެ ވިއުގައިގެ ބޭނުމަކީ، މާލެ ސަރަޙައްދުގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މި ވިއުގައާއެކު މާލެ ނުވަތަ ހުޅުމާލޭގައި ފެން ފޯރުކޮށްދިނުމަށް މައްސަލައެއް ދިމާވެއްޖެނަމަ، އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވޭނެއެވެ. ހުޅުމާލެއާއި މާލޭގައި އަޅާ ފެނުގެ ވިއުގައަކީ، ގަޑިއަކު 800 ޓަނުގެ ފެން ދައުރު ކުރެވޭނެ ނިޒާމެކެވެ.