ޚަބަރު

ކުއްލި ޙާލަތްތަކަށް އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރެއް


  • މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއް

  • ސެންޓަރު ތަރައްޤީކުރަނީ ރިހިޖެހި ކޮށީގެ 3 ވަނަ ފަންގިފިލާގައި

ކުއްލި ޙާލަތްތަކުގައި އެހީވުމަށް އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރެއް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރ އީއޯސީސީއަކީ ރާއްޖޭގައި މި މަސައްކަތަށް ޚާއްސަކޮށް ހަދާ ފުރަތަމަ ސެންޓަރެވެ. މިހާރު އެކަމާ ގުޅޭ ޚިދުމަތްތައް ދެނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

ރާއްޖޭގެ އެމަޖެންސީ އޮޕަރޭޝަން ކޯޑިނޭޝަން ސެންޓަރ ތަރައްޤީކުރަނީ އެންޑީއެމްއޭގެ ބެލުމުގެ ދަށުން ހިންގުން ކުރިއަށްގެންދާ ގޮތަށެވެ. އެތަން ތަރައްޤީކުރަނީ އެންޑީއެމްއޭ މިހާރު ހިންގަމުން އަންނަ ރިހިޖެހި ކޮށީގެ 3 ވަނަ ފަންގިފިލާގައެވެ.

މި ސެންޓަރުގައި ކޯލް ސެންޓަރަކާއި ޑޭޓާ ސެންޓަރެއްގެ އިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ ބައި ހިމެނެއެވެ. މި އެހީއަކީ "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ފޯރުކޮށްދީފަވާ އެހީތެރިކަމެކެވެ. ބިޑަށް ހުށައެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހެވެ.

ވޯލްޑް ބޭންކްގެ މި އެހީއަކީ ކުއްލި ޙާލާތްތަކުގައި އެހީތެރިކަންދޭ ނިޒާމު ރާއްޖޭގައި ހަރުދަނާ ކުރުމަށް ދީފަވާ އެހީއެކެވެ.

މި ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. ރާއްޖޭގައި އެންމެ ގިނައިން ކުއްލި ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހެނީ ވިއްސާރައިގެ ސަބަބުން ލިބޭ އެކި ކަހަލަ ގެއްލުންތަކުގައެވެ. އަދި އަލިފާނުގެ އެކި ޙާދިސާތަކުގައިވެސް ބޮޑެތި އެހީތައް ވަނީ ދީފައެވެ.

މީގެއިތުރުން ކޯވިޑް 19ގެ ޙާލަތުގައި އެހީތެރިކަން ދިނުމަށް، ނެޝަނަލް އެމަންޖެންސީ އޮޕަރޭޝަން ސެންޓަރެއް އުފައްދާ ޚިދުމަތްދީފަވެއެވެ.

2024ވަނަ އަހަރު އޮގަސްމަހު ވަނީ، ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭނެ ހެލްޕް ލައިންއެއްވެސް ތަޢާރަފުކޮށްފައެވެ. މިއީ މުވައްސަސާތަކާއި އިދާރާތަށް ގުޅިގެން މަސައްކަތް ކުރެވޭނެ ފަސޭހަ ނިޒާމެކެވެ.

މީގެ އިތުރުން، ޤުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ވަނީ ފާސްކޮށްފައެވެ. މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަޤްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.

އަދި ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަކީވެސް މި ސްޓްރެޓެޖީގެ އަމާޒެކެވެ.