ކުޅިވަރު

ވަޒީރުގެ ހިތްވަރު ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ އެތުލީޓުންނަށް


  • ޤައުމަށް ރީތި ނަން ހޯދައިދިނުމަށް އެތުލީޓުންގެ ކިބައިން ވަޒީރު އެދިވަޑައިގަތް

  • ބޮޑީބޯޑިންއަކީ ވެސް ކުރިއަރަމުން އަންނަ ކުޅިވަރެއް

  • ބޮޑީބޯޑިން ކުރިއެރުވުމަށް ކުޅިވަރު ވުޒާރާގެ އެއްބާރުލުން އަބަދުވެސް ލިބޭނެ

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި ބައްދަލުކުރައްވާ ކުޅިވަރު ވަޒީރު ހިތްވަރުދެއްވައިފިއެވެ.

ޓީމާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރުވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމަށް އެތުލީޓުންގެ ކިބައިން އެދިވަޑައިގެންފައެވެ. ކާމިޔާބާއި ގުޅިފައިވަނީ ގަދައަޅާ ކުރެވޭ މަސައްކަތްކަމަށްވާއިރު މިމުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ކިބައިން އެސިފަ ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑީބޯޑިންއަކީ ވެސް އެހެނިހެން ކުޅިވަރުތައް ފަދައިން ކުރިއަރަމުން އަންނަ ކުޅިވަރެއްކަމަށާއި، އެކުޅިވަރު ކުރިއެރުވުމަށް ކުޅިވަރު ވުޒާރާގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިމަހުގެ 31 އިން އަންނަމަހުގެ 12 ވަނަ ދުވަހަށް މޮރޮކޯގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ ހަ އެތުލީޓުނއ ވާދަކުރެއެވެ. އެގޮތުން ސީނިއާ ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރާނީ ބޮޑީބޯޑިންއިން ގިނަ ކާމިޔާބުތަކެއް ހޯދަމުން އަންނަ އާމިން އުމަރު މޫސާއާއި ޢަލީ ޚުޝްރުވާން އަހުމަދާއި، މުޙައްމަދު ކައިފާއި، އަޝްރަފް ހަސަނެވެ.

މިމުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ އުންމީދީ ބޮޑީބޯޑަރު އިޔާން އަހުމަދެވެ. މީގެ އިތުރުން ޓީމުގެ މެނޭޖަރު އަދި ބޮޑީބޯޑިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދުވެސް ޓީމާއެކު މޮރޮކޯއަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އައިބީސީ ވޯލްޑް ޓުއަރ އިވެންޓެއްކަމަށްވާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕަކީ ރޯޔަލް މޮރޮކަން ސާރފިން ފެޑެރޭޝަން (އެފްއާރްއެމްއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ ކުރިއަށްގެންދާ މުބާރާތެކެވެ.

މިމުބާރާތް ކުރިއަށްދާނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ މިންގަނޑުތަކާ އެއްގޮތަށެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ބޮޑީބޯޑިން ޓީމު އެކުލަވާލާފައިވާއިރު މިއީ އެޓީމުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީކުރާ ފުރަތަމަ މުބާރާތެވެ.

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕަކީ އައިބީސީ ވޯލްޑް ޓުއަރގެ މުހިންމު މުބާރާތަކަށްވާއިރު، މިމުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ ތަޖުރިބާތަކެއް ލިބި، ރޭންކް މައްޗަށް ޖައްސާލުމުގެ ފުރުސަތު ފަހިވާނެއެވެ. މިމުބާރާތުގައި ވާދަކުރާ ޓީމު މޮރޮކޯއަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދެވެ.