ޚަބަރު

މިދައުރުގައި ފެންނާނީ ޞިއްޙީ ދާއިރާގެ އައު ބާބެއް


  • - ވަސީލަތްތައް ޤާއިމްކޮށް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނެ

  • - ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެކަމުގެ ޔަޤީންކަން ދެއްވި

މި ހިނގަމުންދާ ދައުރަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އައު ބާބެއް ހުޅުވި، ރައްޔިތުންނަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ފެންނާނެ ފަސް އަހަރު ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ނާޡިމް ވިދާޅުވީ، ސަރުކާރުގެ ޤާބިލިއްޔަތުކަން ހުރި މިންވަރަކުންނާއި، ބަޖެޓުގެ ތެރެއިން ޖާގަ ހޯއްދަވައިގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ހުރި ޞިއްޙީ ސިޔާސަތުތައް ތަންފީޒު ވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރާނެ ފަސް އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި ޞިއްޙީ ދާއިރާއަށް އަންނާނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި 5 އަހަރު ވާނީ ލެބޯޓްރީގެ ޚިދުމަތާއި، އެމްއާރުއައި މެޝިންތަކާއި، ސީޓީ މެޝިންތައް ފަދަ އަސާސީ ޞިއްޙީ ޚިދުމަތްތައް އެެންމެ ގިނައިން ފޯރުކޮށްދެވޭނެ ފަސް އަހަރަށް ކަަމަށެވެ. މީގެ އިތުރުން، މިއީ ރައްޔިތުންނާ ގާތުން އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނެ ދައުރެއް ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

"މިއީ ރައްޔިތުންގެ ޞިއްޙީ ކަންބޮޑުވުންތައް ބޮޑު ލުޔެއް ލިބިގެންދާނެ 5 އަހަރު. އެކަން އަޅުގަނޑަށް ކަށަވަރުވާ ސަބަބަކީ ސިޔާސަތުތައް ވަރަށް ރަނގަޅަށް ތަރުތީބުކޮށް ލިޔެވިފައި ހުރީތީވެ. މިކަަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ. މިކަމަށް ބޭނުންވާ ނިޒާމުތައް ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ. ގާތުން ރައީސުލްޖުމްހޫރިއްޔާ ބައްލަވަމުން ގެންދަވާތީ. ވަރަށް ގާތުން އަޅުގަނޑުމެންނަށް އިންސްޓްރަކްޝަން ގެންދަވަމުން ގެންދަވާތީ. އެެެހެންވެ އަޅުގަނޑަށް ކަށަވަރު ވެގެންދަނީ މި ސިޔާސަތުތައް ތަންފީޒުވެގެންދާނެކަން." ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރުގެ ވާހަކަފުޅުގައި، ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ މުހިންމު ޚިދުމަތަކީ ޞިއްޙީ ޚިދުމަތް ކަމަށާއި، އެކަމުގައި ސަރުކާރު ސާބިތުކަމާއެކު އޮތް ކަމަށް ވިދާޅުވިއެވެ.

"މިއީ، ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަކީ. މިއީ، ރައްޔިތުން ސަރުކާރުގެ ކިބައިން އެދެމުންދާ ކަންކަމަކީ. އެކަމުގައި އަޅުގަނޑުމެން ސާބިތުވެ މިތިބީ. އެކަމުގައި ރައްޔިތުން ޝައްކު ނުކުރައްވާ. މި ޔަޤީންކަން، މި ކަށަވަރުކަން އަޅުގަނޑުމެން މި ދެނީ ދަޢުލަތުގެ އެންމެ މަތީ ލީޑަރޝިޕުން މިކަންކަން ވަރަށް ބޮޑަށް ބައްލަވަމުންދާތީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާގައި އައު ބާބެއް ލިޔެވި، އޭގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިއީ ރައްޔިތުން ސަރުކާރުގެ ކިބައިން އެދެމުންދާ ކަންކަން ކަމަށާއި، އެކަމުގައި އެއްވެސް ޝައްކެއް ނުކުރުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.