އައު ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގައިފިއެވެ.
ގުރުއަތު ނެގުން 14 ގަޑިއިރަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު އަލުން ނަގާފައިވަނީ ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނުގައި އެތަނުން ގޯތި ދޭ ސަރަޙައްދަށް ބަދަލުތަކެއް އައިސްފައިވާތީކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ގުރުއަތު ނަގާފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ އައު ޕްލޮޓް ކަނޑައެޅުމަށެވެ.
ޖުމުލަ 4072 ގޯތި ގިރާވަރު ފަޅުން ދޫކޮށްފައިވެއެވެ.
• 1250 އަކަފޫޓުގެ 2605 ގޯތި
• 1650 އަކަފޫޓުގެ 1213 ގޯތި
• 2050 އަކަފޫޓުގެ 253 ގޯތި
• 2450 އަކަފޫޓުގެ 1 ގޯތި
ގުރުއަތުލުން ކުރިއަށް ގެންދިޔައީ ސޯޝަލް ސެންޓަރުގައެވެ. ގުރުއަތުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ. މި ގުރުއަތުނެގުން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ޔެސް ޓީވީންނާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ވަގުތުން ދުރަށް ދައްކާފައިވެއެވެ.
އަދި ގުރުއަތުނަގައި، ޕްލޮޓް ކަނޑައަޅަމުންދިޔަ މިންވަރަކުން، އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ފޮނުވާފައިވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް އެއްބަސްވުން ހެދުމާއި ރަޖިސްޓްރީއާއި ބެހޭ މަސައްކަތްތައް ގެންދާނެ މުއްދަތު، ފަހުގެ ތާރީޚެއްގައި އަންގާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
އަދި މިހާރު ފަށާފައިވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އިން ވަކިކޮށް، ގޯތި ހަވާލުކުރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރުކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފައްޓަވާފައެވެ.
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ހެދުމެއް ނެތިއެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލާ، އޭގެ މަސައްކަތްތައް ފަށާފައެވެ.
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5168 ގޯއްޗެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން 1096 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުޞަތުވެސް މި ސަރުކާރުން ވަނީ ދީފައެވެ.