ހުޅުމާލެ 3ވަނަ ފިޔަވަހިން ދޫކުރަން ނިންމާފައިވާ ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ބަދަލުތަކެއް އައިސްފައިވާތީ، ގުރުއަތުނަގާ ގޯތި ލިބޭ ޕްލޮޓްތައް އަލުން ވަނީ ކަނޑައަޅާފައެވެ. ގޯތީގެ ބިން ލިބޭ ޕްލޮޓް ކަނޑައެޅުމަށް، އެކަމުގެ ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
3ވަނަ ފިޔަވަހިން 7 ސައިޒެއްގެ ޖުމުލަ 698 ދޫކުރެއެވެ.
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅިފަޅުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު އެއްބަސްވމާއި ރަޖިސްޓްރީ ހަވާލުކުރުމަށް ހުޅުވާލާފައެވެ. އެކަމަށް އެދި ރަޖިސްޓްރީވުމުގެ މުއްދަތު 15 މާރިޗުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ހުޅުވާލާފައިވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.
އެޕޮއިންޓްމަންޓަށް އެދި ހުށައަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބަންޑާރަ ގޯތީގެ ރަޖިސްޓަރީއާއި ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ފުރަތަމަ ޕްލޮޓް ކަނޑައެޅީ، އަސާސީ ބޭނުންތަކަށް ބޭނުންވާ ބިންތައް އެންމެ އެކަށީގެންވާ ގޮތުގައި ކަނޑައެޅުމެއް ނެތިއެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭން އަލުން އެކުލަވާލިއިރު، ގޯތި ކަނޑާ ބިމުގެ ސަރަޙައްދަށް ބައެއް ބަދަލުތައް ވަނީ އައިސްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، 3ވަނަ ފިޔަވަހިން ބިން ކަނޑާ ދޫކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާ ހަވާލުކޮށްގެންނެވެ.
ގޯތި ދޫކުރާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތްތައް ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ ނިންމާފައެވެ. ހުޅުމާލެ 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.