ޚަބަރު

އަޒަރްބައިޖާން އިންޓަނޭޝަނަލް ޗެލެންޖު ޒަޔާން ފެށީ މޮޅަކުން


  • މިއީ ރިވައިވަލްއިން ވާދަކުރާ ޗެލެންޖު ލެވެލްގެ ފުރަތަމަ މުބާރާތް

  • މިމުބާރާތުގައި ރާއްޖޭގެ ހަތަރު އެތުލީޓަކު ވާދަކުރޭ

  • މިމުބާރާތާއިއެކު ރިވައިލްއިންވަނީ ޔޫރަޕިއަން ބެޑްމިންޓަން ސާރކިޓްގެ ތެރެއަށް ދެމިގެންފަ

އަޒަރްބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރަމުންދާ ރިވައިވަލް ސްޕޯޓްސް އެތުލީޓު އަދި ގައުމީ ބެޑްމިންޓަން މީޓުގެ ކުޅުންތެރިޔާ ޒަޔާން ޒަކީ މޮޅަކުން މުބާރާތް ފަށައިފިއެވެ.

ފިރިހެނުންގެ ސިންގަލްސް ކޮލިފައިން ރައުންޑް އޮފް 64 ގައި ޒަޔާންވަނީ އަޒަރްބައިޖާންގެ ފަޖަރް ކަރިމްލީ 21-10 އަދި 21-14 އިން ބަލިކޮށްފައެވެ. މިމޮޅާއިއެކު ޒަޔާން ދެން ނުކުންނާނީ ކޮލިފައިން ރައުންޑް އޮފް 32 ގައި އިނގިރޭސި ވިލާތުގެ ނަދީމް ދަލްވީއާއި ދެކޮޅަށެވެ.

އަޒަރްބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރަމުންދާ ރިވައިވަލްގެ އިތުރު އެތުލީޓުންނަކީ ނިބާލް އަހުމަދުއާއި، އާމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާއެވެ. މީގެ ތެރެއިން ކޮންމެ އެތުލީޓަކުވެސް ސިންގަލްސް އިވެންޓުގައި ވާދަކުރާއިރު، ދެ ޑިވިޝަނުގެ ޑަބަލްސްގައިވެސް މި އެތުލީޓުން ކުޅޭނެއެވެ. އަދި މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާހާ ޕެއަރވާއިރު ނިބާލް ޕެއަރވާނީ ނަބީހާއާއިއެވެ.

މިމުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ އެތުލީޓުންގެ ސިންގަލްސް އަދި ޑަބަލްސް މެޗުތައް މިހާރު ކުޅެފަވާއިރު، ޒަޔާން ފިޔަވާ އިތުރު އެތުލީޓަކަށް އަދި މެޗެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ރިވައިލްއިން ޗެލެންޖު ލެވެލްގެ މުބާރާތެއްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެކުލަބުން ޔޫރަޕިއަން ބެޑްމިންޓަން ސާރކިޓްގެ މުބާރާތެއްގައި ވާދަލުރާ ފުރަތަމަ ފަހަރެވެ. ޔޫރަޕިއަން ބެޑްމިންޓަން ސާރކިޓަކީ ބެޑްމިންޓަނުގެ ދުނިޔޭގެ މައި އިދާރާކަމަށްވާ ބީޑަބްލިއުއެފްގެ މިންގަނޑުތަކާއި އުސޫލުތަކަށް ފެތޭގޮތަށް ޔޫރަޕުގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތްތަކެކެވެ.

ރިވައިލްއިންދަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކޮށް ގައުމަށް ރަންވަނަތަކެއް ގެނެސްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ކުރިއަށްދިޔަ ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ޒަޔާން އަދި ނަބާހާގެ ޕެއާވަނީ ރާއްޖެއަށް ރަން މެޑަލް ހޯދައިދީފަކަން ފާހަގަކޮށްލެވެއެވެ. މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލްއެވެ. އަދި ހަމަ އެމުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާވަނީ ރިހި މެޑަލްވެސް ހާސިލްކޮށްފައެވެ.

އަޒަރްބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރުމަށް ރިވައިވަލްގެ ޓީމުން ފުރާފަވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެޓީމު އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.