ޗެމްޕިއަންސް ލީގުގައި ލެސްޓަރ ސިޓީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. ބެލްޖިއަމްގެ ކްލަބް ބްރޫޖާ ވާދަކޮށް އިނގިރޭސި ޗެމްޕިއަން ލެސްޓަރ މެޗް ކާމިޔާބުކުރި ތިންލަނޑު ސުންލަނޑުންނެވެ.
މެޗްގެ ވަރަށް ކުރީކޮޅު ލެސްޓަރގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މާކް އޯލްބްރައިޓަންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓަރއަށް ލީގު ފުޅާކޮށްދިނީ މަހްރޭޒްއެވެ. ލިބުނު ޕެނަލްޓީއަކުން ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މަހްރޭޒްއެވެ.
މެޗަށްފަހު ލެސްޓަރގެ ކޯޗް ރަނިއޭރީ ބުނީ ލެސްޓަރ އަކީ ގްރޫޕްގައި އޮތް އެންމެ ތަޖުރިބާ މަދު ކްލަބް ކަމަށާއި، ނަމަވެސް ފެށުން ރަނގަޅު ކުރެވުމުން ލެސްޓަރއަށް އިތުރު ފައިދާތަކެއް ކުރާނެކަމަށެވެ. އަދި މިއީ ފަސޭހަ ގްރޫޕެކޭ ނުބުނެވޭނެ ކަމަށްވެސް ލެސްޓަރ ސިޓީގެ ކޯޗް ކްލައުޑިއޯ ރަނިއޭރީ ބުންޏެވެ.
މި ގްރޫޕްގައި އެފްސީ ކޯޕެންހޭގަންއާ ޕޯތޯ ވާދަކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.