ޚަބަރު

ނިމިދިޔަ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަވައިފި


  • ހައްލު ހޯދުމަށް މޮރިޝަސްއާއި ކަމާބެހޭ ބައިނަލްއަގުވާމީ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

  • ފޯޅަވައްސަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަން ތާރީޚުތަކުން ހެކިދޭ

ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށްފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ގެންނަވައިފިއެވެ.

އެމަނިކުފާނު ވަނީ ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ސިޓީގައި ވިދާޅުވީ އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްގައި ރާއްޖެއާއި މޮރިޝަސްގެ ކަނޑު ސަރަހައްދާ ގުޅޭ މައްސަލަ ކުރިއަށްދަނިކޮށް ކުރީ ސަރުކާރުން ކުއްލިގޮތަކަށް ނިންމި ނިންމުމުގެ ސަބަބުން ޤައުމަށް އެކި ގޮތްގޮތުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ބެލުމަށް ޤައުމީ އިންކުއަރީއެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކުލަވައިލި ވިލަރެސް ކޮމިޓީގެ ރިޕޯޓަށް ރިއާޔަތް ކުރައްވައި ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހި ރާއްޖެއިން އީއީޒެޑްއިން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފަވާކަން ހާމަކުރައްވާފައެވެ.

"22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން. މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްއީޒެޑަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވައި އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބެންޖެހޭކަންވެސް މޮރިޝަސްއަށް ފޮނުއްވެވި ސިޓީގައި ބަޔާންކުރައްވާފައެވެ. އަދި މޮރިޝަސްގެ ސަރުކާރާއި ބައިނަލްއަގުވާމީ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މިކަމުގައި ބައިނަލްއަގުވާމީ ޤާނޫނުތަކާއެއްގޮތަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ، ކުރީ ސަރުކާރުން ފޮނުއްވެވި ސިޓީ އަނބުރާ ގެނައުމަށް ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.

މީގެ އިތުރުން، އެތައް ގަރުނެއްވީ ދިވެހި ފުލޯކު ވާހަކަތަކުންވެސް ދަތުރުވެރިންނާއި މަސްވެރިން އެ ރަށްރަށުގައި ތިބިކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ. ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.