ޚަބަރު

ގަމުގައި އަމިއްލަ ފަރާތަކުން ބިނާކުރި "ތުނޑީ ބަނދަރު މިސްކިތް" ހުޅުވައިފި


  • މިއީ 342 މީހުންގެ ޖާގައިގެ މިސްކިތެއް

  • ރޯދައިގެ ކުރިން 15 މިސްކިތް ހުޅުވުމަކީ ޢަމާޒު، 6 މިސްކިތް ވަނީ ނިމިފައި

ލ.ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުނޭކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެއެވެ.

މިިއަދު ހުކުރު ނަމާދަށް، މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

11 މެއި 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ތެރެއިން ހއ.ދިއްދޫ އިސްލާމީ މަރުކަޒާއި، 10 ރަށެއްގެ މިސްކިތް ނިންމާ ހުޅުވާފައިވާއިރު، ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުނޭކަން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ ހޭލުންތެރިކަން ދީނީގޮތުން އިތުރުކޮށް، މިސްކިތްތަކުގައި ދީނީ ޢިލްމު ފެތުރުމަށް މަގުފަހިކުރާ ތަންތަނަށް ހެދުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ނަމާދަށް ލޯބިޖެއްސުން ފަދަ މުހިއްމު ޝިޢާރުތަކަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި އަތޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީކޮށް، ދިނީ ތަޢުލީމު ފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.