ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުމުގެ ގޮތުން އެފްއޭއެމް އިން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް 2026 ގެ ފުރަތަމަ މެޗުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ. އަހުމަދިއްޔާ މެޗު ކާމިޔާބު ކުރީ ސެންޓަރ ފޯ ހައަ ސެކަންޑްރީ (ސީއެޗްއެސްއީ ހުޅުމާލެ) 6-0 ލަނޑުންނެވެ.
މި މުބާރާތް ހާއްސަކޮށްފަ ވަނީ މާލެ ސަރަހައްދުގެ ހައި ސުކޫލުތަކަށެވެ. އެގޮތުން މި މުބާރާތުގައި ސީއެޗްއެސްއީ ހުޅުމާލެ އާއި މާލެ އިތުރުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލު އާއި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި އަހުމަދިއްޔާ ޓީމުން ވަނީ މުޅި މެޗުގައި ޑޮމިނޭޓްކޮއްގެން މޮޅަށް ކުޅެފައެވެ. މެޗުގެ 3 ވަނަ މިނިޓުގައި އަހުމަދިއްޔާ ޓީމުން ލީޑު ނެގީ އޭރިއާ ބޭރުން ހުސެއިން އާއިޝް އަބްދުލް ވާހިދު ކާމިޔާބު ކުރި ލަނޑުންނެވެ.
އަހުމަދިއްޔާ އިން ފުރަތަމަ ލަނޑުޖެހިތާ ތިން މިނިޓުފަހުން ލީޑު އިތުރަށް ފުޅާކުރީ އާއިޝް އޭރިއާތެރެއިން ޖައްސާލި ބޯޅަ ކީޕަރު އަތުގައި ޖެހިފަ ނުކުތުމުން މުހައްމަދު ޒޯރޯން އަޔާޒް ކާމިޔާބުކުރި ލަނޑުންނެވެ.
އަހުމަދިއްޔާގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގައި މޮޅު ކުޅުމެއްދައްކާ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އައްފާން ބިން އަހުމަދެވެ. އައްފާން މިލަނޑު ޖެހީ 19 ވަނަ މިނިޓުގައި އޭރިއާ ބޭރުންނެވެ.
މެޗުގެ 23 ވަނަ މިނިޓުގައި އަހުމަދިއްޔާ އަށް ހަތަރު ވަނަ ލަނޑު ކާމިޔާބުކޮއްދިނީ އަހުމަދު އަކުމަލް ރަޝީދެވެ. އަކުމަލްގެ ދެވަނަ ލަނޑު އަހުމަދިއްޔާގެ ފަސް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓުގައެވެ.
މެޗުގެ ދެވަނަ ހާފުގައި އަހުމަދިއްޔާގެ އައްފާންގެ އިތުރުން، ސާޖިއު މުހައްމަދު ޔޫނުސް އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އަހުމަދިއްޔާ އިން ޖެހި ހަވަނަ ލަނޑަކީ ސީއެޗްއެސްއީ ހުޅުމާލެ ޓީމުގެ މުހައްމަދު މިޔާޒް އަހުމަދު ރިޒާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ރައުންޑް ރޮބިން އުސޫލުން ކުޅޭ މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މުބާރާތުގެ ފައިނަލު އޮންނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.