ޕްރެޒިޑެންޓްސް ކަޕު 2026 ގެ ޕްލޭއޮފް ފަހު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ގުރޫޕް ސްޓޭޖިގެ ފަހުޖާގަ ކަށަވަރުކޮއްފިއެވެ. މެޗުން ވިކްޓަރީ މޮޅުވީ 2-0 ލަނޑުންނެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ވިކްޓަރީ ވަނީ މޮޅު ކުޅުމެއްދައްކާފަ އެވެ. އެޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ފޯމު ދަށްވި ނަމަވެސް މި މެޗުގައި ފަށައިގެން ވިކްޓަރީގެ ހަލުވި ކުޅުންތެރިންގެ އަވަސް އެޓޭކްތަކުގެ ނުރައްކާ ޓީސީ ޑިފެންސްލައިނަށް ދިއައީ ކުރަމުންނެވެ.
މެޗުގައި ވިކްޓަރީ ލަނޑުޖަހާ ލީޑު ނެގީ 31 ވަނަ މިނިޓުގައި އަލީ ނަސޫހު ރަޝީދު އޭރިއާތެރެއިން ކީޕަރަށް ވެސް ޖާގަ ނުދީ ވައްދާލި ބޯޅައިންނެވެ.
މެޗުގެ 41 ވަނަ މިނިޓުގައި ޓީސީގެ ސްރީ ލަންކާ ކުޅުންތެރިއާ ޗަލަނަ ޗަމީރާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. ވިކްޓަރީން ލީޑު ފުޅާކުރީ އޭރިއާ ތެރެއިން އަރިމަތިން ނަސޫހު ހުރަސް ކޮއްލި ބޯޅައެއް ހުސްކޮށް ހުރެ އިބްރާހިމް ރިޒްވާން ގޯލަށް ވައްދާލި ބޯޅައިންނެވެ. މި ލަނޑު އޭނާ ޖެހީ 57 ވަނަ މިނިޓުގައެވެ.
މުބާރާތުގައި ވިކްޓަރީ ވާދަކުރާނީ ގުރޫޕް އޭގައެވެ. ދެން މި ގުރޫޕްގައި ހިމެނެނީ މާޒިޔާ އާއި ބުރު ސްޕޯޓްސް ކުލަބެވެ.