ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އޮނިގަނޑު ޖުލައިގެ ނިޔަލަށް އެކުލަވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ދައުލަތުގެ މާލީ ޤާބިލުކަމަށް ފުރިހަމައަށް ރިޢާޔަތްކުރައްވާނެކަމަށާއި، ސަރަޙައްދީ ވެލިޑޭޝަން ބައްދަލުވުމެއްވެސް ބާއްވަވާނެކަމަށެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިވާ އެއްކަމަކީ، ޤައުމު ދަތުރުކުރަމުންދާ މިޞްރާބު، ފަސް އަހަރުން ފަސް އަހަރުން ބަދަލުވެގެންދާ ދިޔުންކަމަށެވެ.
އެހެންކަމުން، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ޤައުމުގެ މިޞްރާބު 20 އަހަރު ދުވަހަށް ކަނޑައަޅައި ފާސްކޮށް، އެ މިޞްރާބަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ، ޤައުމުގެ ތަރައްޤީއާއި ހަމަޖެހުމާއި، ރައްކާތެރިކަމަށް ކޮށްދެވޭނެ އެންމެ ބިނާކުރަނިވި، އެންމެ މާނަހުރި އެއް ކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ވަޢުދު ފުއްދުމަށްޓަކައި މަސައްކަތް ފަށައި، ވަރަށް ބޮޑު ކުރިއެރުންތަކެއް މިއަދާ ހަމައަށް އައިއިރު ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޖުމުލަ 10088 މީހުންގެ ޚިޔާލު ވަނީ ހޯދާފައެވެ. މީގެ ތެރޭގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޢާންމު ރައްޔިތުންގެ 192 ބައްދަލުވުން ބާއްވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރައްރަށުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިވެރިންނާއި، މަސްވެރިންނާއި، ދަނޑުވެރިން ހިމެނޭހެން، 96 ފޯކަސް ގްރޫޕް ބައްދަލުވުން ވަނީ ބާއްވާފައެވެ.
އަދި ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމާޢަތްތަކާއެކު، 67 ބައްދަލުވުން ބާއްވައި، ރައްޔިތުންގެ މެންބަރުންނާއި، އެއްބާރުލުން ދިން ސިޔާސީ ޕާޓީތަކާއެކުވެސް ބައްދަލުވުންތައް ބާއްވައި، 66 މައުޟޫޢަކަށް ބިނާކޮށް މަޝްވަރާ ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
20 ސެކްޓަރގެ ރައުންޑް ޓޭބަލް މަޝްވަރާއާއި، ސަރުކާރާއި ދައުލަތުގެ 40 މުއައްސަސާއާ އެކީގައިވެސް ބައްދަލުވުން ވަނީ ބާއްވާފައެވެ.
"މި ހުރިހާ ބައްދަލުވުންތަކުގައި ލިބުނު ޚިޔާލާއެކު، ޤައުމީ ތަރައްޤީގެ 20 އަހަރު ދުވަހުގެ ޕްލޭންގެ މައިގަނޑު މިހާރު ވަނީ އެކުލަވާލެވިފައި. މި މުހިންމު މަސައްކަތުގައި ދެން އޮންނާނީ ސަރަޙައްދީ ފެންވަރުގެ ވެލިޑޭޝަން މަސައްކަތުގެ ބައްދަލުވުންތައް ބޭއްވުން. މި ބައްދަލުވުންތައް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ބޭއްވުމަށް ވާނީ ކަނޑައަޅާފައި. މި ބައްދަލުވުންތަކުގެ ބޭނުމަކީ، މި ޕްލޭނަކީ އެންމެންގެ ބައިވެރިވުން އޮވެގެން ތައްޔާރުކުރި ޕްލޭނެއްކަން ކަށަވަރުކުރުމާއި، އެ ތަންފީޒު ކުރުމަށް ރައްޔިތުންނާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދުން." ރައީސް ވިދާޅުވިއެވެ.
މި މަސައްކަތަށްފަހު، ޤައުމީ މަހާސިންތާއެއް މި އަހަރު ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، މިއީ މުޅި ރާއްޖޭގެ ބައިވެރިވުމާއެކު ތައްޔާރުކުރެވޭ، ކުރިއަށް އޮތް އަހަރުތަކުގެ ތަރައްޤީގެ "ރޯޑްމެޕް" ކަން ރަސްމީކޮށް ކަނޑައެޅުމެވެ.
މިކަން ހާސިލު ކުރުމަށްޓަކައި ސަރަހައްދީ ވެލިޑޭޝަން ވަރކްޝޮޕްތަކުން އަންނަ ޚިޔާލުތައް، ދައުލަތުގެ މާލީ ޤާބިލްކަމާއި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކަށް ފެތޭތޯ ބަލައި، އެންމެފަހުގެ ނިންމުންތައް ނިންމުމާއެކު، އެކި ދާއިރާތަކުގެ ތަރައްޤީގެ ރޭވުންތައް އެއް އަމާޒަކަށް ގުޅުވައިލައި، އެއް ސެކްޓަރަކުން ކުރާ ކަންތައް، އަނެއް ސެކްޓަރަކަށް ބުރަނުވާނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި މަރުޙަލާއަށްފަހު، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އަދި މޮނިޓަރިންގ އޮނިގަނޑާއެކު އެކުލަވައިލެވޭ އެންމެފަހުގެ ޕްލޭން، މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރީގައި ނިންމާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ޕްލޭން ތަންފީޒުކުރިނަމަވެސް، ސަރުކާރުގެ ދަޢުރު ބަދަލުވާއިރު އެ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރު ލިބޭނެއެވެ.