ޚަބަރު

ޅ.އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް އެކުލަވާލަނީ


  • މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސީޓީގައި މި ކޮމެޓީ އޮވޭ

  • މި އަހަރަކީ އެންމެ ގިނަ ޢަދަދަކަށް ހާފިޒުން ދަސްވެނިވާ އަހަރު

ޅ. އަތޮޅުގައި ހާފިޒުން އިމްތިޙާނުކުރާ ކޮމިޓީއެއް އެކުލަވާލާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރު ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިވާކަން ހާމަކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރުކަމަށެވެ. އެގޮތުން މިއަހަރު އަލަށް 31 ޙާފިޒުން ދަސްވެނިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިޙާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއްކަމަށާއި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޒުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ދަރިވަރުގެ އިމްތިޙާން ކުރިއަށްދާގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން 1 ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމުންކަމަށް ވިދާޅުވިއެވެ. ބައެއް ދަރިވަރުން 2 ފޮތް ވެސް ކިޔައިދޭކަމަށާއި މިގޮތުން ކިޔައިދޭ މިންވަރު ދަރިވަރުގެ ޙާލަތަށް ބަލައި ޤުރުއާން މަރުކަޒުން ކަނޑައަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިވަގުތު މާލޭގައި 2 މަރުކަޒެއްގައި އިމްތިޙާން ކޮމިޓީ ކަނޑައެޅިފައި އޮންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީކަމަށެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައިވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮންކަމަށް ވަޒީރު ވިދާޅުވިއެވެ.

ޅ. އަތޮޅުގައި މިފަދަ ކޮމެޓީއެއް އެކުލަވާލަން ނިންމީ، މިހާރު ކޮމިޓީތައް އެކުލެވިފައިވާ ސަރަހައްދު ފިޔަވައި ދެން އެންމެ ގިނައިން ޙާފިޒުން އުފެދެމުން އަންނަނީ ނައިފަރުގައި ކަމަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތަކީ ދަރިވަރުން އިމްތިޙާނަށް މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތެއްކަމަށެވެ. އެގޮތުން މި އަހަރު ޅ. އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޢައްޔަންކުރާނެކަމަށް ވިދާޅުވިއެވެ.

ދާދިފަހުން ވަނީ ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސް ކުރާ މަރުކަޒުވެސް ހުޅުވާފައެވެ. މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ވަޤްފު ފަންޑާއި އާންމުންގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރި މަރުކަޒެކެވެ.