އައްޑޫސިޓީ މަރަދޫފޭދޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހުޅުވައިފިއެވެ.
މިކަމަށްޓަކާ އައްޑޫސިޓީ މަރަދޫފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕަސް ހުޅުވާދެއްވާ ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވީ އެ ކެމްޕަސް ޤާއިމުކުރި ކުރީގެ މަރަދޫފޭދޫ ސްކޫލަކީ މަރަދޫފޭދޫގެ ދިގު ތާރީޚުގައި އެރަށުގެ ރައްޔިތުން ތަޢުލީމު ޙާޞިލުކުރި ބިނާކަމަށެވެ. ނަމަވެސް އެތަން ބަންދުކޮށް ގިނަ އަހަރުތަކެއް ވަންދެން އެގޮތުގައި ހުރުމަކީ ހުރިހައި މާނައެއްގައިވެސް ރައްޔިތުންގެ މަސްލަހަތާއި ޖަމާޢަތުގެ ފައިދާއަށް ބަލާއިރު އެކަށީގެންވާ ކަމަކަށްނުވާތީ އެތަން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި އަލުން ބޭނުންކުރަން ފެށުމަކީ އުފާވާކަމެއްކަމަށެވެ. އަދި އެ ބިމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދާއިމީ ކެމްޕަހެއް ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ މަޝްރޫޢުއެއްގެ ގޮތުގައި ހިމަނައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމަށް ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ޢަލީ ޒާހިރު ވިދާޅުވީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ޑޮކްޓޯރަލް ޑިގްރީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވިކަމީ މިއަދު މަރަދޫފޭދޫގެ ރައްޔިތުންނާއި ގުޅިފައިވާ އައްޑޫސިޓީގެ ރަށްޔިތުންނަށް ލިބުނު ރަނުގެ ފުރުޞަތެއްކަމަށެވެ. މީގެ އިތުރުން ފާއިތުވި 2 އަހަރުގެ ތެރޭގައި ޢިލްމީ ޕްރޮގްރާމްތަކުންނާއި އިންޓަރނޭޝަނަލް ރެކޮގްނިޝަންތަކާއި ދަރިވަރުންގެ އެންރޯމަންޓުގައި އައި.ޔޫ.އެމް އިން ހޯދާފައިވާ ކާމިޔާބަކީ ސަރުކާރުން ޔުނިވަރސިޓީން އައި.ޔޫ.އެމްއަށް ދެއްވާ ސަމާލުކަމުގެ ނަތީޖާކަމުގައިވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވަނީ މަރަދޫފޭދޫ ގައި ޤާއިމުކުރެވޭ ދާއިމީ ކެމްޕަސް މަޝްރޫޢުގެ ތައާރަފެއް ދެއްވާފައެވެ. މަރަދޫފޭދޫގައި އައި.ޔޫ.އެމް ގެ ކެމްޕަހެއް ދަރިވަރުންގެ ދަނާލަކާއެކު ޤާއިމުކުރުމަށް ކޮންޓްރެކްޓަރަކާއެކު ސޮއިކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހު އައްޑޫ ހައި ސްކޫލްގައި ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ދާއިމީ ކެމްޕަހުގައި ކްލާސްރޫމްތަކާއި ލައިބްރަރީއަކާއި މީޓިން ރޫމާއި ސްޓާފް ރޫމާއި އިދާރީ އޮފީސް، ސެމިނަރ ހޯލް، ކެންޓީން، ރެކްރިއޭޝަނަލް ފެސިލިޓީސް، ދަރިވަރުންގެ ދަނާލު އަދި ސްޓާފް އެކޮމޮޑޭޝަން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ މަރަދޫފޭދޫ ސްކޫލްގެ ހޯލް ރައްޔިތުންނަށް މަންފާވާނެ ފަދަ ކަންކަމަށް ބޭނުންކުރުމަށް މަރާމާތުކުރުމަށް ހަމަޖެހިފައިވެއެވެ.
އައި.ޔޫ.އެމްގެ މަރަދޫފޭދޫ ކެމްޕަސް މިއަދު ހުޅުވީ މާސްޓަރސް ޑިގްރީގެ ކޯހެއް ހިމެނޭހެން ޖުމްލަ 4 ކޯހެއްގެ ކިޔެވުން ފެށުމާ އެކުގައެވެ. ކުރިއަށް އޮތް ހަފުތާއާ ހަމައަށް ލޭޓް އެޕްލިކޭޝަން ހުޅުވާލާފައިވާތީ އަދިވެސް އިތުރު ކޯސްތައް އެ ކެމްޕަސްގައި މި ސެމެސްޓަރ ގައި ފެށުމުގެ އުންމީދު ބޮޑުކަމަށް އައި.ޔޫ.އެމްއިން ވިދާޅުވިއެވެ.