ޚަބަރު

ޑޮމެސްޓިކް ޓާމިނަލް: އެތެރޭގެ އުދުހުންތައްވެސް ބައިނަލްއަޤްވާމީ ފެންވަރަށް


  • ޑޮމެސްޓިކް ޓަރމިނަލް އެންމެފަހުން އަޕްގްރޭޑްކުރީ މީގެ 9 އަހަރުކުރިން

  • އެއަރޕޯޓްތައް ތަރައްޤީކުރުމަށް ރައީސް އިސްކަންދެއްވާ

  • ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމަށްފަހު އިއްޔެ ވަނީ ހުޅުވާފައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ މައި ދޮރާއްޓެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެއެވެ. އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން ރާއްޖޭގެ ހުރިހާ އެއަރޕޯޓަކަށްހެން ދަތުރުކުރެވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ޚިދުމަތް ހޯދައެވެ. މީގެ ތެރޭގައި މާލެއިން ރަށްރަށަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި، އެކި އަތޮޅުތަކުގެ ހުރި ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދިއުމަށް ދަތުރުކުރާ ފަތުރުވެރިން ހިމެނެއެވެ.

އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލް އެންމެ ފަހުން އަޕްގްރޭޑްކޮށް ބޮޑު ބަދަލެއް ގެނެސްފައިވަނީ، މީގެ 9 އަހަރުކުރިން 2016 ވަނަ އަހަރުއެވެ. އޭގެ ފަހުންވެސް ބަދަލުތަކެއް އައި ނަމަވެސް ޚިދުމަތް ފުޅާ ކުރުމަށް ބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ.

އެމްއޭސީއެލްއިން މިދިޔަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޑޮމެސްޓިކް ޓަރމިނަލުން އެކަނިވެސް 1.17 މިލިޔަން މީހުންނަށް ޚިދުމަތް ދީފައިވެއެވެ. މީގެ ތެރޭގައި ފުރާ މީހުންނާއި އަންނަ މީހުން ހިމެނެއެވެ. މިދިޔަ އަހަރު އެކަނި ޑޮމެސްޓިކް ޓަރމިނަލަށް 28،348 އެއަރ ޓްރެފިކް މޫވްމެންޓް ރެކޯޑު ކޮށްފައިވެއެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގެ މަސައްކަތް ނިންމުމެވެ. އެ މަސައްކަތް ނިންމުމަށް، އިސްކަމެއް ދެއްވި އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އައު ޓަރމިނަލް މުހިންމުވުމެވެ. ރާއްޖެ އަންނަ ފަތަރުވެރިންގެ އަދަދު އިތުރުކުރަން އޮތް އެންމެ ބޮޑު ހުރަސް ނައްތާލައި މިދިޔަ އަހަރު މިނިވަން ދުވަހު އައު ޓަރމިނަލް އެމަނިކުފާނު ހުޅުއްވެވިއެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދައިރާއަށް އިންޤިލާބީ ބަދަލެއް ގެނުވި ދުވަހަކެވެ.

އައު ޓަރމިނަލަށް ޓަރމިނަލް 1 ގެ ނަން ދެވި، ބައިނަލްއަޤްވާމީ ހުރިހާ އެއަރލައިނެއް އެތަނަށް ބަދަލު ކުރެވުނެވެ. މިއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން މިވަނީ ފަށާފައެވެ. މިކަން ހާމަވާ އެންމެ ބޮޑު ހެއްކަކީ ހަމައެކަނި މި ހިންގާ ފެބްރުއަރީ މަހުވެސް އެއްދުވަހެއްގައި ރާއްޖެ އައި ފަތުރުވެރިންގެ ރެކޯޑު 3 ފަހަރު ހެދުމެވެ. މިކަމުން ސާފުވާ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިސްކަމާއެކު ރާއްޖޭގެ އިޤްތިޞާދު ކުރިމަގުގައި ފުޅާ ވެގެންދާނެ ކަމެވެ.

މި ބަދަލުތަކާއެކު ފުޅާވަމުން އަންނަ އެއަރޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވެފައި އޮތީ ބައިނަލްއަޤްވާމީ ޓަރމިނަލުން ދޭ ޚިދުމަތްތަކާއި އެއް ވަރަށް ޚިދުމަތް ދެވޭ ޑޮމެސްޓިކް ޓަރމިނަލެކެވެ. ކުރީގެ ބައިނަލްއަޤްވާމީ ޓަރމިނަލަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކޮށްފައިވަނީ އެންމެ 15 ދުވަސް ތެރޭގައެވެ. ހަމައެކަނި އޮޕަރޭޝަން ބަދަލުކޮށްލީ ނޫނެވެ. ޚިދުމަތް ފުޅާވެސް ކޮށްފިއެވެ. ޗެކިން ކައުންޓަރ ތަކުގެ އަދަދު 8 އިން 27 އަށް އިތުރުކޮށްފިއެވެ. ޑިޕަރޗާރ ގޭޓުތައް އިތުރުކޮށް ބެގޭޖް ބެލްޓު 4 ގުނަ އިތުރުކޮށްފިއެވެ.

ސަރުކާރުން އަބަދުވެސް އިސްކަންދެއްވަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. މިމަގުން ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަށް، އިތުރު ކޮމާޝަލް ޖާގަތައް ޑޮމެސްޓިކް ޓަރމިނަލަށް ވަނީ އިތުރުކުރެވިފައެވެ. ނަމާދު ކުރުމަށް އިތުރު ޖާގަތައް ލިބޭއިރު، ޢާއިލާތަކަށް ފަސޭހަވާނެހެން ކުޑަކުދިން ކުޅިވަރު ކުޅޭނެ ޖާގަވަނީ އިތުރުކޮށްފައެވެ.

ޑޮމެސްޓިކް ޓަރމިނަލް އޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން މިމަސައްކަތުގައި ދެއްވި އެއްބާރުލުމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މިކަމުގައި ދެއްވާ އިރުޝާދުތައް އެމްޑީވަނީ ފާހަގަކުރައްވާފައެވެ.