ކުޅިވަރު

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީކަމުގެ މަޤާމުން ބައްސާމް ވަކިކޮށްފި


އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީކަމުގެ މަޤާމުން ބައްސާމް އަދީލް ޖަލީލް ވަކިކޮށްފިއެވެ. ބައްސާމް ވަކިކުރި ސަބަބު ހާމަކޮށްފައިނުވީ ނަމަވެސް އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤު ސޮއި ކުރައްވައި ބައްސާމް މަޤާމުން ވަކިކުރިކަމުގެ ސިޓީވަނީ ބައްސާމަށް ފޮނުވާފައެވެ. 

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކެޓްރީކަމުގެ މަޤާމާ ޗެއާމަންކަމުގެ މަޤާމްވެސް އަދާކޮށްފައިވާ ބައްސާމް އަކީ މިދިޔަ ދެއަހަރު އެފްއޭއެމް ހިންގުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތާރިޤު އެމަޤާމަށް ފުރަޔަމަ ވާދަކުރެއްވިއިރު ބައްސާމް ހުންނެވީ އިދިކޮޅު ކެނޑިޑޭޓް މުހައްމަދު ޝަވީދުއާއެކުއެވެ. ނަމަވެސް ފަހުން ޝަވީދު ވާދަ ނުކުރައްވާނެކަން އިޢުލާންކުރުމާ ގުޅިގެން ތާރިޤު ވަނީ  ބައްސާމަށް ޖެނެރަލް ސެކެޓްރީކަމުގެ މަޤާމަށް އައްޔަން ކޮށްފައެވެ.