އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެސްޓޯނިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސްއަށާއި، ބޮޑުވަޒީރުގެ އިތުރުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި އެސްޓޯނިއާގެ އެންމެހައި ރައްޔިތުންނަށް ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި އަދި ފާގަތި އަހަރަކަށްވުމަށް އެދޭކަމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ރާއްޖެއާއި އެސްޓޯނިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން މިވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑިޖިޓަލް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ކުރެއްވި މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާގެ ކުރިއެރުންތައް ބައްލަވާ، ރާއްޖޭގެ ފަންނިއްޔާތުގެ ދައިރާ ކުރިއެރުވުމަށް އެ ޤައުމުގެ އެހީތެރިކަން ހޯއްދެއްވުމަށް ނިންމަވާފައެވެ. އަދި އެޤައުމުންވެސް ވަނީ ރާއްޖެއަށް އެހީވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މީގެއިތުރުން އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިގޮތުން މި ދަތުރުފުޅުގައި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
އޭގެތެރޭގައި ހިމެނެނީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމާއި، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމެވެ.