ޚަބަރު

ތިނަދޫ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއަށް


  • ތިނަދޫގެ 50 މަގެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވޭ

  • މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ތިނަދޫ ސިޓީ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިމާރާތްކުރުމާބެހޭ ވުޒާރާގައި މިއަދުވަނީީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ތިނަދޫ ސިޓީ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އާރޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

ތިނަދޫ ސިޓީ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން، ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި މަޝްރޫޢުގެ ތެރޭގައި އެރަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ބޮޑެތި މަގުތައްވެސް ހިމެނޭނެކަމަށެވެ.

"ތިނަދޫގަ މި މަޝްރުޢު ނިމިގެންދާއިރު މީހުން ދިރިއުޅޭ ސަރަހައްދެއްގައި އަދި އަލަށް އާބާދުވާ ސަރަހައްދުގަވެސް ބޮޑެތި މަގުތައް މީގެތެރޭގަ ހިމެނިގެންދާނެ. މި މަސައްކަތްނިމިގެންދާއިރު ތިނަދޫއަކީ، ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ސިޓީއަކަށް ވެގެންދާނެ". ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ ވަނީ، ތާރު ނޭޅި ހުރި މަގުތަކުގައި ފެންބޮޑުވެ، މިހާރުވެސް ރައްޔިތުންނަށް ބޮޑެތި އުނަދޫގޫތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

"މި މަޝްރޫޢުގެ ސަބަބަން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ވަރަށް ގިނަ ރައްޔިތުންނަށް އުންދަގޫތަކެއް ދިމާވޭ ތާރު ނޭޅި ހުރި މަގުތަކުގަ ފެންބޮޑުވެ މި ކަންތައް ހިނގާތީވެ. އުއްމީދަކީ، އާރްޑީސީން ލަސްތަކެއް ނުވެ، މަސައްކަތް ފަށްޓަވައިގެން އަވަހަށް މަސައްކަތް ނިންމަވާލެއްވުން." ސަޢުދުﷲ ޙިލްމީ ވިދާޅުވިއެވެ.

ސިޓީ ތަކުގެ ހުރިޙައި މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.