އަންނަ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ނަގާ ޚިޔާލު ހޯދުމުގެ ވޯޓާއެކު ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މިފަހަރު އިތުރުވާނެކަމަށް ބެލެވޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޒާހިދު ވަނީ ކުރިއަތް އޮތް އިންތިޚާބުތަކަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތަކުގެ މަޢުލޫމާތު ހިއްސާކޮށްދެއްވާފައެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ރިފަރަންޑަމްގެ ޤާނުނެއް ނެތްކަމުގައިވީނަމަވެސް، 2011 ވަނަ އަހަރު އައްޑޫ އަތޮޅުގައި ރައްޔިތުން ބޭނުންވަނީ ސިޓީއެއްތޯ ނުވަތަ އަތޮޅެއްތޯ ބެލުމަށްޓަކައި ޚިޔާލުގެ ވޯޓުލުމެއް ބޭއްވިފައިވާކަމަށެވެ. އޭގެފަހުން މިދިޔަ އަހަރު އައްޑޫ އެކުލެވިފައިވާ ގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުމަށް ނުކުތް މީހުންނާއި އަޅާބަލާއިރު މިދިޔަ އަހަރު ވޯޓުލުމަށް ނިކުތް މީހުން އަދަދު އިތުރުކަމަށް ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ޤާނޫނެއްގެ ތެރެއިން ގޮތްތަކެއް ކަނޑައެޅި އެކަމާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެވިގެން ދިޔުމުގެ ސަބަބުން ރައްޔިތުންގެ ވޯޓުލާން ނިކުން އަދަދު އިތުރުވެފައިވާކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެނީ މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިފަރަންޑަމް ވޯޓު ނެގޭތީކަމަށް ޒާހިދު ވިދާޅުވިއެވެ.
"ރިފަރަންޑަމް ވޯޓަކީ ރާއްޖޭގައި ބޭއްވޭ މައިގަނޑު ދެ އިންތިޚާބެއް އެއްދުވަހަކު ބާއްވާނީތޯ ނޫންތޯ ރައްޔިތުން ކައިރީ އަހާ ސުވާލެއްވީމަ، ރައްޔިތުން އޭގައި ބޭނުންވާގޮތް ބުނެދޭން މީހުން ނުކުންނާނެކަމަށް އަޅުގަނޑު ޤަބޫލްކުރަނީ. ނުކުތުމަކީވެސް ވަރަށް މުހިންމުކަމެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ މުހިންމު ދެ އިންތިޚާބު. މި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެމީހަކަށް ފެންނަ ރައުޔެއް ބުނެދިނުމަކީ މުހިންމުކަމެއް" ޒާހިދު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ހޭލުންތެެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމި ހިސާބުން ޓީވީ، ރޭޑިއޯ، ސޯޝިއަލް މީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓަރސްހަދައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން އީސީން ތައްޔާރުކޮށް ގެނެސްދޭ ޕޮޑްކާސްޓުގެ ޒަރިއްޔާއިންވެސް ތަފާތު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ޒާހިދު ވިދާޅުވީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ލީފްލެޓްތައް ތައްޔާރުކޮށް މާލޭއާއި އަތޮޅުތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމްޓީސީސީގެ ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގައި ހުންނަ ޓީވީތަކުގައިވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތައް ދެއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގައި މަގުތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ޓީވީތަކުގައިވެސް ދައްކާނެކަމަށް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ވޯޓުލާދުވަހު މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަތް ގެންގޮސްފައިވާކަމަށެވެ. އަދި ބޭނުންވާ ވަރަށް އޮފިޝަލުން ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މި ފަހަރު 6000 ނުވަތަ 7000 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.