ޚަބަރު

ނިއު ބަލިކޮށް ހުޅުމާލެ ވެޓެރެންސް ފައިނަލަށް


  • ފައިނަލުގައި ހުޅުމާލެ ވެޓެރެންސް އާއި ވިލިމާލެ ޔުނައިޓެޑް ނުކުންނާނީ ހޯމަ ދުވަހު

  • ހުސްވިއަހަރުގެ ފައިނަލުގައި މި ދެޓީމު ބައްދަލުކޮށް ތަށި ހޯދީ ހުޅުމާލެ ވެޓެރެންސް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ކުލަބުން ހޯދައިފިއެވެ. ނިއުގެ މައްޗަށް ހުޅުމާލެއިން ކުރި ހޯދީ 3-1 ލަނޑުންނެވެ.

މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗު ފަށައިގެން ހުޅުމާލެ ވެޓެރެންސް ޓީމުން މެޗު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި އިރު ފުރަތަމަ ހާފުގައި ނިއު އިން ވަނީ ރަނގަޅަށް ކުޅެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމަލާވެސް އުފެއްދީ ނިއުއެވެ. މުހުތާރު ނަސީރު ފޮނުވާލި ބޯޅަ ހުޅުމާލެ ކީޕަރު ހަސަން ރަމީޒް ވަނީ ދިފާއުކޮއްފައެވެ. އޭގެފަހުން ނިއުގެ މުހައްމަދު ރިފްއަތަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

މެޗުގެ ކުރީކޮޅު ހުޅުމާލޭ ޓީމުގެ މުހައްމަދު ޒިޔާދު ލަނޑެއް ޖެހި ނަމެވެސް އޭނާ ބޯޅަ ފޮނުވާލުމުގެ ކުރިން ހުރީ އޮފްސައިޑްގަ ކަމަށް ރެފްރީ ވަނީ ނިންމާފައެވެ. ހުޅުމާލެއިން މެޗުގެ ލީޑު ނެގީ 23 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން ނާފިއު މުހައްމަދު ހާމިދު ކާމިޔާބު ކުރި ލަނޑުންނެވެ.

ހުޅުމާލެއިން ލީޑު އިތުރަށް ފުޅާކުރީ އޭރިއާ ތެރެއިން އަހުމަދު ޝާއިރު ޖައްސާލި ބޯޅައެއް ހުސެއިން ވިޝާލް ގޯލަށް ވައްދާލި ބޯޅައިންނެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 27 ވަނަ މިނިޓުގައެވެ.

މެޗުގެ ދެވަނަ ހާފު ކުރީކޮޅު ނިއު އަށް ލަނޑުޖެހުމަށް މުހައްމަދު ނިޔާޒް އާއި އިއްޒަތު އަބްދުލް ބާރީއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ހުޅުމާލެއިން ޖެހި ތިންވަނަ ލަނޑަކީ 44 ވަނަ މިނިޓުގައި ޒިޔާދު ހަމަޖެހިލާފަ ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ކާމިޔާބު ކުރި ލަނޑެކެވެ.

ނިއު އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 51 ވަނަ މިނިޓުގައި މުހައްމަދު ނިޒާމް އޭރިއާތެރައަށް ނަގައިދިން ބޯޅައެއްގައި އިސްމާއިލް އަނިލް ބޮލުން ޖައްސާ ގޯލަށް ބޯޅައެކެވެ.
މުބާރާތުގެ ފައިނަލުގައި ހުޅުމާލެ ވެޓެރެންސް އާއި ވިލިމާލެ ޔުނައިޓެޑް ނުކުންނާނީ ހޯމަ ދުވަހު ހަވީރެވެ. ހުސްވިއަހަރުގެ ފައިނަލުގައި މި ދެޓީމު ބައްދަލުކޮށް ތަށި ހޯދީ ހުޅުމާލެ ވެޓެރެންސްއެވެ.