ތަރައްްޤީ

ޔުނިވަރސަލް ޕޯސްޓަލް ޔުނިއަންގެ 26 ވަނަ ކޮންގްރެސްގައި ރާއްޖެ


ތުރުކީގައި އިސްތަންބޫލުގައި މިހާރު ކުރިޔަށްދާ ޔުނިވަރސަލް ޕޯސްޓަލް ޔުނިއަންގެ 26 ވަނަ ކޮންގްރެސްގައި ރާއްޖެ ބައިވެރިވަމުން އެބަދެއެވެ.

ބައިނަލްއަޤްވާމީ ޕޯސްޓް ޖަމްޢިއްޔާގެ މި މަހާސިންތާގައި ރާއްޖެ ތަމްސީލްކުރައްވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޚާލިދު ޢަބްދުﷲ އާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤު މުޙައްމަދާއި ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިލްޔާސް އަޙްމަދެވެ.

img:http://s4.psmnews.mv/images/660x400/14746572341368.jpg|މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޚާލިދު ޢަބްދުﷲ އާއި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤު މުޙައްމަދު، ޔުނިވަރސަލް ޕޯސްޓަލް ޔުނިއަންގެ 26ވަނަ ކޮންގްރެސްގައި- ފޮޓޯ: ޕޯސްޓް އޮފީސް

މިއީ ކޮންމެ ހަތަރުއަހަރަކުން އެއްފަހަރު އެ ޖަމްޢިއްޔާގެ މެންބަރު ސަތޭކަ ނުވަދިހަ ދެ ޤައުމުގެ ބައިވެރިވުމާއެކު ބާއްވާ މަހާސިންތާއެކެވެ. މިމަހުގެ 20 ވަނަ ދުވަހު ފެށި މި މަހާސިންތާ 3 ހަފްތާގެ މުއްދަތަށް ދެމިގެންދާނެއެވެ. މި މަހާސިންތާގައި އެ ޖަމްޢިއްޔާގެ 2020ގެ ތަސައްވުރުގެ މައްޗަށް ބިނާކުރެވި، އެކުލަވާލެވިފައިވާ ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލޭނަކީ ކުރިއަށް އޮތް 4 އަހަރު ބައިނަލްއަޤްވާމީ ޕޯސްޓްގެ ވިޔުގައާއި އެ ވިޔުގައިގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކޮށް ތަރައްޤީކުރުމާ ބެހޭގޮތުން މުހިންމު ލަނޑުދަނޑިތަކެއް އެކަށައެޅިފައިވާ ޕްލޭނެކެވެ.

މީގެ އިތުރުން ޖަމްޢިއްޔާގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށާއި ހިންގުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ޔުނިވަރސަލް ޕޯސްޓަލް ޔުނިއަންގެ އިދާރީ އޮނިގަނޑަށް މުހިންމު އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް މި މަހާސިންތާއަށް ހުށަހެޅިފައިވާކަމަށް ޕޯސްޓް ލިމިޓެޑުން ބުނެއެވެ. އެގޮތުން މިހާރު އޮނިގަނޑުގައި ހިމެނޭ ކައުންސިލް އޮފް އެޑްމިނިސްޓްރޭޝަންއާއި ޕޯސްޓަލް އޮޕަރޭޝަންސް ކައުންސިލް އެއްކޮށްލައި، ޔޫ.ޕީ.ޔޫ ކައުންސިލްގެ ނަމުގައި އެއް ކައުންސިލް ހިމެނުމަށް މި މަހާސިންތާއަށް ވަނީ ހުށަހެޅިފައެވެ.