އީރާނަށް މި ވަގުތު ކުރިމަތިވެފައިވާ އުނދަގޫ އަދި ބިރުވެރި ދަނޑިވަޅުގައި، ސާބިތުކަމާއެކު އީރާނާ އެކު އޮތްކަމުގެ ޔަޤީންކަން ރަޝިޔާއިން ދީފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28އިން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެި ޢުދުވާނުގައި، އީރާނާ އެންމެ ގާތް އެއް ޤައުމުކަމަށްވާ ރަޝިޔާގެ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާކަމުގެ ކަންބޮޑުވުން އެބައޮތެވެ.
އީރާނުގެ އައު އަހަރުގެ މުނާސަބަތުގައި، ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިން ފޮނުއްވި މެސެޖެއްގައި ވަނީ، އީރާނަށް މިހާރަށް ކުރިމަތިވެފައިވާ އުނދަގޫ އަދި ބިރުވެރި ދަނޑިވަޅުގައި ގާތް ރަހުމަތްތެރިއެއް އަދި އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައި ރަޝިޔާ އޮތް ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ޕުޓިން މީގެ ކުރިން ވަނީ، އެމެރިކާ އާއި ޔަހޫދީން ގުޅިގެން ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގެ ސަބަބުން، މުޅި ދުނިޔެ ހަކަތައިގެ ކާރިސާއެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ޔަހޫދީންނާއި އެމެރިކާއިން ދިން ޙަމަލާތަކުގައި އީރާނުގެ ރޫހީ އެންމެ އިސް ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުން ވެސް ކުށްވެރިކޮށް، އެއީ ޤަތުލުކުރުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ދަނީ ޔަހޫދީންގެ މުހިންމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބި އަސްކަރީ މަރުކަޒުތަކަށް ހުއްޓުމެއްނެތި ޙަމަލާތައް އަމާޒުކުރަމުންނެވެ.
މި ޙަމަލާތައް ޢަމާޒުކުރުމަށް ބޭނުންވާ ޖާސޫސީ މަޢުލޫމާތު ރަޝިޔާއިން އީރާނަށް ފޯރުކޮށްދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓާލާނަމަ، އޭގެ ބަދަލުގައި އީރާނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން ހުއްޓައިލަން ރަޝިޔާއިން އެމެރިކާއަށް ހުށަހަޅާފައިވާކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ނަމަވެސް، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ.