ކުޅިވަރު

ފްރާންސް ޓީމުން ސަލީބާ، ބެލްޖިއަމުން ޓްރޮސާޑް ބާކީ ކޮށްފި


ބްރެޒިލާއި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅެން ނެގި ފްރާންސް ޓީމުން އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބާކީކޮށްފި އެވެ.
އޭނާ ޓީމުން ބާކީ ކުރިމަށްފަހު މިހާރު ޓީމަށް ނަގާފައިވަނީ މެކެސެންސް ލެކްރޯއީ އެވެ.

ސަލީބާ އަކީ އާސެނަލް އެންމެ ފަހުން ކުޅުނު މެޗު ކަމަށްވާ ކަރަބޯ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފުލްކޮށް އާދީއްތަ ދުވަހު ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕުގެ ކުރިން ކުޅޭ އެންމެ ފަހުގެ ފަރިތަކުރުންތަކުގެ މެޗު ތަކުން އޭނާ ބާކީ ކާކީ ވާތު ކަކުލަށް ތަދުވެފައިވާތީ އެވެ.

"އޭނާގެ ވާތު ކަކުލަށް ތަދުވެފައިވާތީވެ މަދުވެގެން 10 ދުވަސް ބޭނުންވޭ އަރާމު ކުރަން. ގައުމީ ކޯޗު ޑިޑިއޭ ޑެޝޯން ނިންމީ މިވަގުތު އޭނާގެ ބަދަލުގައި ލެކްރޯއި ޓީމަށް ނަގަން،" ފްރާންސްގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ލެކްރޯއީ އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިއެކެވެ. އުމުރުން 25 އަހަރުގެ ޑިފެންޑަރަށް ގައުމީ ޓީމުން ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ ދަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ގޮތުން ކްރިސްޓަލް ޕެލަސް އަށް މިސީޒަނުގައި މިހާތަނަށް އޭނާ ވަނީ 43 މެޗު ކުޅެދީފަ އެވެ.

ފްރާންސް އިން ބްރެޒިލާ ދެކޮޅަށް ނުކުންނާނީ މާދަމާ ނޫން އަނެއް ދުވަހު އެވެ. އޭގެ ފަހުން ކޮލަމްބިއާއާ ދެކޮޅަށް ކުޅޭނީ މި މަހުގެ 29ގަ އެވެ.

ބެލްޖިއަމް ޓީމުން އާސެނަލްގެ ލިއޮނާޑޯ ޓްރޮސާޑް ބާކީ ކުރީ ވެސް އަނިޔާގެ ސަބަބުންނެވެ. އޭނާއާއެކު ކުލަބް ބްރޫޖްގެ މިޑްފީލްޑަރު ހަންސް ވަނަކެން ވެސް ވަނީ ޓީމުން ބާކީ ކޮށްފަ އެވެ. ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މި ދެ ކުޅުންތެރިން ފިޒިކަލީ މުޅިން ފިޓްނޫންކަން އެނގުމާއެކު މި ހަފުތާގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ނުކުޅުވާނެ ކަމަށެވެ.

ބެލްޖިއަމުން މި މަހުގެ 28 ވަނަ ދުވަހު ކުޅޭނީ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ކުޅޭނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ މެކްސިކޯއާ ދެކޮޅަށެވެ. ތިން ގައުމެއް ގުޅިގެން ބާއްވާ ފުރަތަމަ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭނެ ތިން ވަނަ ގައުމަކީ ކެނެޑާ އެވެ.