ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖާ ހަމައިން ޕާކިސްތާނަށް މުބާރާތް ނިމިއްޖެއެވެ.
ޕާކިސްތާނަށް މުބާރާތް ނިމުނީ ކުޅުނު ދެ މެޗުން ވެސް ބަލިވުމާއި ގުޅިގެންނެވެ.
މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ދެވަނަ މެޗުގައި އިންޑިއާ އާ ދެކޮޅަށް ނަތީޖާ ނެރެން ޕާކިސްތާނަށް މަޖުބޫރުވިއިރު، މިއަދު ހަވީރު އިންޑިއާއާ ދެކޮޅަށް ކުޅެވެސް ޕާކިސްތާން ވީ ބައްޔެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޕާކިސްތާނުގެ މައްޗަށް އިންޑިއާ އިން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އިންޑިއާ ޓީމުން ލަނޑުޖެހީ ވަރަށް ކުރީކޮޅުއެވެ.
މެޗު ފަށައިގެން ކުރިއަށް ޕްރެސްކޮށްގެން އުފެއްދި ހަމަލާއެއްގައި މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ.
އިންޑިއާގެ ލަނޑަށްފަހު ފުރަތަމަ ހާފުގެ ބާކީ ބައިގަައި މޮޅަށް ކުޅެ ނުރައްކާތެރި ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވަނީ ޕާކިސްތާން ޓީމުންނެވެ.
އެހެންނަމަވެސް މިއިން ކޮންމެ ހަމަލާއެއް ގޯލަށް ވަނުމަށް ވެސް ހުރަހަކަށްވީ އިންޑިއާގެ ކެޕްޓަން ބޭންޑު އަޅައިގެން އެ ޓީމުގެ ގޯލު ބަލަހައްޓަމުންދިޔަ ކީޕަރު، ސޫރަޖް ސިންގް އެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ، އާދައިގެ ކުޅުމެކެވެ. ދެ ޓީމުން ވެސް މަދުމަދުން ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައިވާއިރު، މި މަސައްކަތުގައި ކުރިހޯދީ އިންޑިއާ އިންނެވެ.
މި ހާފުގައި، މެޗުގެ 63 ވަނަ މިނެޓުގައި އިންޑިއާ އިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ޕާކިސްތާން ޓީމަށް ލިބުނު ކޯނަރެއްގެ ބޭނުން ނުހިފި، އިންޑިއާ އަށް ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އިންޑިއާ އަށް ކާމިޔާބުކޮށްދިނީ އޮމަންގް ޑޮޑުމް އެވެ.
އިންޑިއާއިން މެޗުގައި ތިންވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 88 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށް އިންޑިއާގެ ތިންވަނަ ލަނޑު ޖަހައިދިނީ ވެސް އޮމަންގް ޑޮޑުމް އެވެ.
މި ނަތީޖާއިން މެޗު ނިމުނުއިރު އިންޑިއާއިން ޕާކިސްތާނުގެ މައްޗަށް ހޯދި މޮޅާއެކު މިވަނީ މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި ގުރޫޕުން ބަންގްލަދޭޝްވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މި ދެ ޓީމުން ސެމީގެ ޖާގައެއް ހޯދާފައި މިވަނީ ބާކީ އެއް މެޗު އޮއްވައެވެ. އެއީ މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާނެ މެޗެކެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.