ޚަބަރު

ކުއްޖާ ނިޔާވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ


  • އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ އިސްލާހުކުރަންޖެހޭ ކަންކަން އަންގާނެކަމަށް

  • އެ ކޮމިޝަނުން ދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ މިންވަރު ބަލަމުން ދާނެ

ހާއްސައެހީއަށް ބޭނުންވާ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލް ނިޔާވި މައްސަލަ ބަލަމުންދާ ކަމަށާއި ތަހުގީގަށްފަހު އިސްލާކުރަންޖެހޭ ކަންކަން ރައްދުވާ އިދާރާއަކަށް އަންގާނެކަމަށް އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.

ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް އެންސްޕާ މެދުވެރިކޮށް ހޯދުމަށް އެދުނު ފީޑިން ޓިއުބެއް 8 މަސްވިއިރު ވެސް ނުލިބުނު ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މ. ޗީޒް އިބްރާހިމް އަޒާން ސުހައިލް ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް ބޭނުންވާ މުއްދަތަށް ނުލިބިގެން އެކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހުގައި މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު 17 ވަނަ ދުވަހު ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.

އެ ތަހުގީގުގައި ބަލަމުން ދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމްވެފައި އޮތްތޯކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގާއި ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ގާނޫނުއަސާސީއިން ތަސައްވުރު ކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައިއޮތްތޯކަމަށެވެ.

އަދި ރައްޔިތަކު އެހީތެރިކަމަކަށް އެދޭ ހިނދު އެކަމެއްގެ މުއާލާތް ކެނޑުމުގެކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމްކުރައްވާފައިއޮތްތޯ ނުވަތަ ނޫންތޯ ކަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ އެކަން ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން އެކަމެއް ރައްދުވާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމުކޮށް ދަންނަވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ މިންވަރު ބަލަމުން ގެންދާނެ ކަމަށާއި އެކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގައި ދަންނަވާނެ ކަމަށް ބަޔާނުގައިވެއެވެ.